ބަންގްލަދޭޝްގެ އައު ރައީސް އާލަމްގީރު އިސްލާމަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މިރްޒާ ފަހްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާގެ ސިޓީފުޅެއް ފ...

22 Aug 2026 | 06:23
N/A

N/A

ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މިރްޒާ ފަހްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފާއިތުވި 35 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ވާދަވެރިކޮށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަކީ އެ ގައުމުގެ ޑިމޮކްރެސީގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި ކާމިޔާބީއިން ހާމަވަނީ ރައްޔިތުން އެމަނިކުފާނަށް ކުރައްވާ އިތުބާރު ކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށްވެސް އަލިއަޅުއްވައިލައްވާފައިވެއެވެ. އެ ގޮތުން ދެ ގައުމު ގުޅިފައިވަނީ ތާރީހީ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށާއި ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށް ދެ ފަރާތުން ދޭ ސަމާލުކަމުގެ މައްޗަށް ކަމަށް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު އާލަމްގީރުގެ ޒައާމަތުގައި ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވެ ކުރިއަށް އޮތް ތަނުގައި އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ސިޓީފުޅު ނިންމަވައިލައްވާފައިވަނީ ބަންގްލަދޭޝްގެ އައު ރައީސްގެ ދައުރުގައި އެ ގައުމަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް