މާލޭ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާއި މައްސަލަތައް ނައިބް ރައީސް ފައިސަލް ނަސީމް އާއި ސިޓީ ކައުންސިލުން ހިއްސާކުރައްވައިފި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މާލޭގެ ތަރައްޤީއަށް މުހިންމު ބައެއް ކަންކަމާއި މަލޭގައި ހުރި ދަތި މައްސަލަތައް ޙައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، ބެހޭ ގޮތުން ކައުންސިލަރުންނާއެކު މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަން ހުރި ކަންކަމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި މާލެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭ ގޮތުންނާއި މާލެއަކީ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭވުމަށާއި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް އަދި މާލެއަށް ބޭނުންވާ ތަރައްގީގެ އެކިއެކި ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ނައިބް ރައީސް އާއި ހިއްސާކުރައްވާފައެވެ. އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީ ގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫއުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް