މިދިޔަ ޖުލައި މަހު ރާއްޖެއަށް 3.1 ބިލިއަން ރުފިޔާގެ ތަކެތި އިމްޕޯޓު ކޮށްފި އެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓުކޮށްފައިވަނީ 2.5 ބލިއަން ރުފިޔާގެ މުދަލެވެ. އެހެން ކަމުން މިއަހަރު އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 24 ޕަސެންޓު އިތުރުވެފަ އެވެ.
އެންމެ ގިނައިން މިދިޔަ މަހު މުދާ އިމްޕޯޓުކޮށްފައިވަނީ ސިންގަޕޫރުންނެވެ. ދެވަނައަށް ޗައިނާ އަދި ތިންވަނައަށް ޔޫއޭއީ އެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ މެލޭޝިއާ ހިމެނެ އެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 202 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ 157 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު އެއީ 29 ޕަސެންޓު އިތުރު އަދަދެކެވެ. ރާއްޖެއިން މައިގަނޑުގެ ގޮތެއްގައި އެކްސްޕޯޓު ކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން 43 ޕަސެންޓު އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ.
އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު މިންވަރު ވެސް ވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 252 މިލިޔަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް