ދަރިންނާ މައިންބަފައިން ދޫކޮށްލާފަ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ އިތުރުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އެތަނުން ދޫކޮށްލުމުން އާއިލާއިން އަޅާނުލާ ތިބި މީހުންގެ ތެރެއިން ސަރުކާރު ...

22 Aug 2017 | 08:02

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ އިތުރުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އެތަނުން ދޫކޮށްލުމުން އާއިލާއިން އަޅާނުލާ ތިބި މީހުންގެ ތެރެއިން ސަރުކާރު ވަޒީފާ އަދާ ކުރާ މީހުންނަށް ފިޔަވަޅު އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

މިގޮތަށް ނިންމެވުމަށް ފަހު ރައީސް ވަނީ އެކަން ތަންފީޒު ކުރަން ދެ މިނިސްޓްރީއަކާއި ހަވާލު ކުރައްވާފަ އެވެ. އެއީ ޖެންޑާ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އެވެ. އަދި އެމަނިކުފާނު ވަނީ މިނިސްޓްރީން މިކަން ތަންފީޒު ކުރަންވީ ގޮތްތަކެއްވެސް ކަނޑައަޅުއްވާފަ އެވެ.

މި އުސޫލުގެ ދަށުން ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ކުދިންނާއި މައިންބަފައިން ތިބި މުވައްޒަފުންގެ މައްސަލަތައް ބަލަނީ ވަކިވަކިންނެވެ. އެ ދެ މިނިސްޓްރީން މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމުގައި އެމީހަކު ވަޒީފާ އަދާ ކުރާ މުއައްސަސާއަކާއި މަޝްވަރާ ކުރާނެ އެވެ.

ޒިންމާއިން ރެކިގެން ތިބި މުވައްޒަފުންނާއި މެދު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ކަނޑައެޅޭ ވަކި އަދަދެއް، އެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމާއި، މުސާރައިން އުނިކުރުމަށް އުޒުރުވެރި ވެއްޖެނަމަ، ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، އެމީހަކު ވަޒީފާއިން ވަކިކުރުމެވެ.

އެފަދަ މުވައްޒަފެއްގެ މުސާރައިން އުނިކުރާ ބައި ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެމީހަކު ޒިންމާ ނަގަންޖެހޭ، ދައުލަތުގެ ބެލުމުގެ ދަށުގައި އެ ތިންތަނުގައި ހުންނަ މީހާ އަށެވެ. އެއީ ކުޑަކުއްޖަކަށް ވާނަމަ އެ ކުއްޖާގެ އުމުރުން 18 އަހަރުވަންދެން އެ ފައިސާ ރައްކާކޮށްފައި ދައުލަތުން ބަހައްޓާނެ ކަމަށާއި ގުރައިދޫ މަރުކަޒުގައި ހުންނަ މީހެއް ނަމަ އެފައިސާ ބޭނުން ކުރަނީ އެމީހަކުކަން ޔަގީން ކުރާނެ ކަމަށެވެ.

މި އުސޫލަށް އަމިއްލަ ފަރާތްތަކަށްވެސް އަމިއްލައަށް އެދިގެން އަމަލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. ސަރުކާރުން ފިޔަވަޅު އަޅަން ނިންމާފައިވަނީ ސަރުކާރާ، ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންނަށެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ ދައުލަތުގެ މުއައްސަސާތަކާއި ކުދިންނާއި މައިންބަފައިން އަދި ދުވަސްވީ މީހުން ހަވާލުކޮށްގެން ތިބޭ މީހުން ޒިންމާދާރު ކުރުވުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް