ސަލްޓަން ޕާކުގެ ނަން "ރަސްރަނި ބަގީޗާ" ގެ ނަމުގައި އަލުން ހުޅުވައިފި އެވެ.
ދިވެހިންގެ ސަގާފީ ކުޑަކުދިންގެ ކުޅިވަރުތައް ޒަމާނީ ރަހަތަކާއި ކުލަތަކާއި އެކު ކުޅޭވޭގޮތަށް، ހިތްގައިމު މާހައުލަކާއި އެކު ތައްޔާރުކޮށްފައިވާ ރަސްރަނި ބަގީޗާ ރޭ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.
ރާއްޖޭގައި ރަސްކަމުގެ ގަނޑުވަރުހުރި އެ ބިމުގައި ގާއިމު ކުރި މި ޕާކުގެ ނަމަށް ބަދަލު ގެނެސް އެ ރަސްކަލުންނާއި ރާނީންނާ ގުޅުވައިގެން ދީފައިވާއިރު އެތަނުގައި "ރަސްރަނި ވިއު"ގެ ނަމުން ނަން ދީފައިވާ ޓްރީ ހައުސް އެއް ހުރެ އެވެ. އަދި އެތަނާއި ގުޅުވައިގެން ދެބުރިއަށް ހަދާފައިވާ ފެން އަރުވާ ވަޑާމެއް ހުރެ އެވެ.
ޓްރީ ހައުސްގެ ތިރި ހާއްސަކޮށްފައި ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ން ހިންގާ ކުރެހުމުގެ ހަރަކާތްތަކަށެވެ. އަދި ވަށައިގެން ބިއްލޫރި ޖަހާފައިވާ މިތަނުގެ މަތީގައި ވެސް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކްލާސްރޫމުތަކެއް ހުންނައިރު، އެތަނުން މުޅި ބަގީޗާ ތެރެ ފެނެ އެވެ.
މި ބަގީޗާގައި ލެޑުން ހަދާފައިވާ ބެޑެތި ރީތި އުނދޯލިތަކެއް ހުރި އިރު އޭގެ އުނދޯލި އަދި ހުރީ އެމެރިކާގެ ބޮސްޓަންގައި އެކަނިކަމަށް ވެ އެވެ. އެތަނުގައި 10 ލެޑް އުނދޯލި ހުރެ އެވެ. ހައުސިން މިނިސްޓްރީން ބުނީ ކުރިން ހުރި އެއްވެސް ގަހެއް ނުކަނޑާ މިހާރު 18.000 އަށްވުރެ ގިނަ ގަސް ރަސްރަނި ބަގީޗާގައި ހުންނާނެ ކަމަށެވެ.
ސިފައިންގެ ބަލަހައްޓާ އަދި ފުލުހުން 24 ގަޑި އިރު ސެކިއުރިޓީ ބަލަހައްޓާ ރަސްރަނި ބަގީޗާއަށް ބިދޭސީންނަށް ވަދެވޭނީ ފީއެއް ދައްކައިގެންނެވެ.
މިތަން ހުޅުވިފައި ހުންނާނީ ހެނދުނު 6:00 ން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 11:00 އަށެވެ. އާންމުންނަށް ބަގީޗާ ހުޅުވާލާނީ އަންނަ ހުކުރު ދުވަހުއ ެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް