ޕެރަމެޑިކް ސައިންސާއި ސްޕީޗް ތެރަޕީ ހިމެނޭ ގޮތަށް އެމްއެންޔޫއިން ތިން ޕްރޮގްރާމެއް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޞިއްޙީ ދާއިރާގެ ތިން އާ އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ. އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައ...

22 Jun 2026 | 03:36
N/A

N/A

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޞިއްޙީ ދާއިރާގެ ތިން އާ އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.

އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ. މި ތިން ދާއިރާއަކީ ވެސް ތަމްރީނު ލިބިފައިވާ ފަންނީ މީހުންގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ދާއިރާތައް ކަމަށް އެމްއެންޔޫއިން ބުނެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ވެސް އެ ޔުނިވަރސިޓީން ފާހަގަކުރިއެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ "މިއީ ހަމައެކަނި އާ އެކެޑެމިކް ޕްރޮގްރާމުތަކެއް ތައާރަފުކުރުމެއް ނޫން، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުން" ކަމަށެވެ. ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން ޚާއްޞަ ތައުލީމުގެ މަގުތައް ފަހިކޮށްދީ، ޞިއްޙީ ނިޒާމު ވަރުގަދަކޮށް ޤައުމުގެ ތަރައްޤީއަށް ޙިއްޞާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

މި ތިން ޕްރޮގްރާމަކީ ވެސް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމުތަކެއް ކަމުން، ކާމިޔާބުކަމާ އެކު ކިޔެވުން ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި ޕްރެކްޓިސް ކުރުމުގެ ލައިސެންސް ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. މީގެ އިތުރުން މެރިޓައިމް ސްޓަޑީޒް، ސޯޝަލް ސައިންސަސް، އިންޖިނިއަރިން، ލޯ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނޭ ގޮތަށް މާސްޓާޒް އާއި ޕީއެޗްޑީ ޕްރޮގްރާމްތައް ވެސް ތައްޔާރުކުރަމުންދާ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ.

މި ޕްރޮގްރާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ޕެރަމެޑިކް ސައިންސަސް އަށް ކުރިމަތިލާ ކެންޑިޑޭޓުން ނަފްސާނީ އަދި ޖިސްމާނީ ފިޓްނަސް އެސެސްމެންޓެއް ހެދުން ލާޒިމުވާނެއެވެ. އެމްއެންޔޫ ޕޯޓަލް މެދުވެރިކޮށް 30 ޖުލައި 2026 ގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އިތުރު މަޢުލޫމާތު 1445 އިން ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް