ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ "ދަ ލެގަސީ" އިވެންޓްގައި ބައިވެރިވުމަށް އެމެރިކާގެ އައިރިސް ދަރިކޮޅަށް ނިސްބަތްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޞަބާހް ވިދާޅުވީ ލެގަސީ އިވެންޓަށް ޝައިޚް މަކާރިޘީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ލެގަސީ އިވެންޓުގައި ޝައިޚް މަކާރިޘީ ތަޤްރީރުކުރައްވާނީ ޖުލައިމަހުގެ 5 ވަނަ ދުވަހުގެރޭ ކަމަށް ޞަބާހް ފާހަގަކުރެއްވިއެވެ.
އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށްދާ މިއިވެންޓްގައި ޝައިޚް މަކާރިޘީ ތަޤްރީރުކުރައްވާނީ "ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށެވެ.
ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިވެންޓަކީ ރާއްޖެއިން ބޭރުގެ ޢިލްމުވެރިން ރާއްޖެ ވަޑައިގެން ތަޤްރީރުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިޚް ހުސައިން ޔީ އަދި ޝައިޚް އަބޫ އުސާމާ ފަދަ ބޭފުޅުންވަނީ ރާއްޖެ ވަޑައިގެން ލެގަސީ އިވެންޓްގައި ތަޤްރީރު ކުރައްވާފައެވެ.
ޝައިޚް މަކާރިޘީ އިސްލާމްވެ ވަޑައިގަތީ 1994 ވަނަ އަހަރުގައެވެ. އިސްލާމްވުމަށްފަހުގައި ސޫދާނަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހުގައި ސައުދީ އަރަބިއާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ޝައިޚް މަކާރިޘީ ތައުލީމު ހާސިލްކުރެއްވިއެވެ.
"ދަ ލެގަސީ" އިވެންޓް ކުރިއަށް ގެންދާ ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް