ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ “އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ރޭ ފުރާވަޑައިގަންނަވައިފިއެވެ.
ނޯވޭ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސް އަށް މިނިސްޓަރު ޝިދާތާ ވަޑައިގަތީ ނީވޭ ސަރުކާރުގެ ހާއްސަ ދައުވަތަކަށެވެ.
މި ކޮންފަރެންސް ކުރިއަށް ދާނީ މިމަހުގެ 23 އަދި 24 ވަނަ ދުވަހުއެވެ. މި ކޮންފަރެންސް ގެ -ލެވެލް ސެގްމެންޓްގައާއި ސައިޑް އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތްތައް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ޙާލަތްތަކުގައި ޖިންސީ ތަފާތުއެކި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
މީގެ އިތުރުން މި ކޮންފަރެންސްގައި، ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އިތުރުން، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މި ކޮންފަރެންސްގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަފީރުންނާއި، ޤައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަޤުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމައާތްތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް