އޭޓީއެމްގެ ކީބޯޑު ފާހާނާ ތަށީގެ ސީޓުތައްހާ ހަޑި: ދިރާސާ

ފާނާތަށީގެ ސީޓަކީ އެތައްހާސް ބެކްޓީރިއާއަކުން ފުރިފައިވާ އެއްޗެކެވެ. ކޮންމެ ފަހަރަކު ފާހާނާ ތަށިމަތީގައި އިށީނުމުގެ ކުރިން އެންމެ ކުޑަމިނުން ފެންކޮޅަކުން ދޮވެލާފައި އިށީނުމަށް ސައިންސްވެރިން މީގެ ކުރި...

22 Apr 2019 | 05:48

ފާނާތަށީގެ ސީޓަކީ އެތައްހާސް ބެކްޓީރިއާއަކުން ފުރިފައިވާ އެއްޗެކެވެ. ކޮންމެ ފަހަރަކު ފާހާނާ ތަށިމަތީގައި އިށީނުމުގެ ކުރިން އެންމެ ކުޑަމިނުން ފެންކޮޅަކުން ދޮވެލާފައި އިށީނުމަށް ސައިންސްވެރިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ. ބްރިޓިޝްގެ ސައިންސްވެރިންތަކެއް ހެދި މި ދިރާސާއިން މިފަހަރު ދެއްކީ ފާހާނާ ތަށީގެ ސީޓުތަކާއި އެއްވަރަށް ހަޑި އެހެން އެއްޗެކެވެ. ފައިސާއަކީ ވެސް ވަރަށް ޖަރާސީމު ހުންނަ އެއްޗެއްކަން ގިނަ ބަޔަކަށް އިނގޭނެއެވެ. ނަމަވެސް މިފަހަރުގެ ދިރާސާއިން ދެއްކީ ފައިސާ ނަގަން އަހަރެމެން ދާ އޭޓީއެމްތަކުގެ ކީބޯޑުގެ ހަޑިކަމުގެ ވާހަކައެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި، ފާހާނާތަށީގެ ސީޓުތައްހާ އޭޓީއެމްގެ ކީބޯޑުތައްހަޑިއެވެ. އޭޓީއެމްގެ ކީބޯޑަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ފިތާއިރު އޭގައިވެސް އެތައް ހާސް ޖަރާސީމެއް ހުންނާނެއެވެ. މީގެ ސަބަބުން މީހާ ވަރަށް ބޮޑަށް ބަލިވެދާނެ ކަމަށް މި ދިރާސާއިން ދެއްކިއެވެ.

މި ދިރާސާ ހެދުމަށް ބްރިޓިޝްގެ ސައިންސްވެރިން ނެގީ ކަފަކޮޅަކުން ދޭތީގެ ސާމްޕަލް އެކެވެ. އަދި ދެ ސާމްޕަލްގައި ހުރި ޖަރާސީމުތައް އަޅާކިޔާލިއިރު އޭޓީއެމްގެ ކީބޯޑުގައިވެސް ފާހާނާތަށީގެ ސީޓުގައި ހުރި ވަރަށް ޖަރާސީމު ހުރިކަމަށް މި ދިރާސާއިން ދެއްކިއެވެ. މި ދޭތީގައި ހުރި ބެކްޓީރިއާގެ ސަބަބުން އިންސާނާއަށް ޑައިރިއާ އަދި ހަށިގަނޑު ދުޅަވުން ފަދަ ބަލިތައް ޖެހިދާނެ ކަމަށް މި ދިރާސާގައި ބައިވެވި ސައިންޓިސްޓެއް ކަމަށްވާ ރިޗާޑް ހޭޝްޓިންގްސް ބުންޏެވެ.

ރިޗާޑް ބުނީ، އެ ދިރާސާގައި ބައިވެރިވި ހުރިހާ ސައިންޓިސްޓުންވެސް ތިބީ ނަތީޖާ ފެނުމުން ހައިރާންވެފައި ކަމަށާއި، އޭޓީއެމް މެޝިންތަކަކީވެސް ސިއްހަތައް ނުރައްކާ އެއްޗެއް ކަމުގައެވެ. މަގުމަތީގައި ހުންނަ ޕަބްލިކް ފޯނު ތަކާއި، ފިހާރަ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ދޮރުގެ އަތްގަނޑުތަކުގައިވެސް ހަމަ މިވަރަށް ޖަރާސީމު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ރިޗާޑް އިތުރަށް ބުންޏެވެ.

މީގެ އިތުރުން އޭޓީއެމް ބޭނުންކުރާ ކޮންމެ ފަހަރަކު ހޭންޑް ސެނިޓައިޒާރ ބޭނުންކުރަން ނުވަތަ ރީއްޗަށް އަތް ދޮވުމަށް ރިޗާޑް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް