ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ އާންމުންނަށް ވެކްސިން ދިނުމަށް30،000 ވެކްސިން ޑޯޒު އިންޑިއާއިން ދީފި އެވެ.
ހެލްތް މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިންޑިއާއިން އެހީގެ ގޮތުގައި ދިން މި ވެކްސިން ޑޯޒުތައް މާދަމާގެ ވަގުތެއްގައި ރާއްޖެ ގެނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި އެހީ ހަމަޖެހުނީ ދެ ސަރުކާރު ދެމެދުގައި ކުރެވުނު މަޝްވަރާތަކަކަށްފަހު ކަމަށެވެ.
ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނު ކުރިފަހުން ފެތުރެމުންދާ ހިމަބިއްސަށް ދެވޭ ވެކްސިން މިހާތަނަށް 3،100 މީހަކަށް ދީފައިވާ ކަމަށެވެ. ވެކްސިން ދިނުމުގައި އިސްކަން ދެނީ ބަލި ޖެހުނު ކުދިންނާއި މީހުން ދިރިއުޅުނު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވެކްސިން ނުދެވި ތިބި މީހުންނަށެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި ގާތްގަނޑަކަށް ހުރިހާ އެންމެން މިހާރު ވަނީ ދެނެގަނެވިފަ އެވެ. އެކަމަކު އޭގެ ތަފްސީލް އަދި ހާމަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަދި އަޅުގަނޑު އެ ހުރިހާ ތަފްސީލެއް ތިޔަަ ބޭފުޅުންނާ ހިސާބަށް ދޫކޮށް ނުލާ މިއުޅެނީ މި އަދަދު ރަނގަޅަށް ވެރިފައި ކުރަންވެގެން" އަމީން ވިދާޅުވި އެވެ.
ހިމަބިހިފެތުރޭކަން އެނގުނުފަހުން މިހާތަނަށް70 އަށްވުރެ ގިނަ މީހުން އެ ބައްޔަށް ޓެސްޓުކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ ހަތަރު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް