ސީނިއާ ޓީމުން ބާކީކޮށް ރެބިއޮޓް އާމެދު ޕީއެސްޖީން އަމަލު ކުރަމުން އަންނަނީ ގަވައިދާ ހިލާފަށް، ގޯސްކޮށް ކަމަށާއި، އަދި އެއީ ޖެއްސުމުގެ އަމަލެއް ކަމަށް ބުނެ، ފްރާންސްގެ ނޭޝަނަލް ޕްރޮފެޝަނަލް ފުޓްބޯލާސް ޔޫނިއަން (ޔޫއެންއެފްޕީ) އިން ޕީއެސްޖީގެ އެ އަމަލަށް ނިމުމެއް ގެނައުމަށް ގޮވާލައިފިއެވެ.
ޕީއެސްޖީއާ ރެބިއޮޓް އާ ދެމެދު މައްސަލަ ޖެހުނީ މިދިޔަ އަހަރުގެ ފަހު ކޮޅުގައެވެ. ޕީއެސްޖީން ރެބިއޮޓްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އާ ހުށަހެޅުމެއް ހުށަހަޅަން މަސައްކަތް ކުރިނަމަވެސް، ރެބިއޮޓް ވަނީ އެއްބަސްވުން އާ ކުރުމަށް އެއްވެސް މަޝްވަރާއެއް ވެސް ކުރަން އިންކާރު ކޮށްފައެވެ.
ރެބިއޮޓް އެއްބަސްވުން އާކުރަން ދެކޮޅު ހެދުމުން އެކަމުގެ ރައްދެއްގެ ގޮތުގައި ޕީއެސްޖީން ވަނީ އޭނާއަށް ރިޒާވް ޓީމާއެކު ފަރިތަކުރަން މަޖުބޫރު ކޮށްފައެވެ. އަދި ސީނިއާ ޓީމުން އޭނާއަށް ފުރުސަތު ވެސް ނުދެއެވެ. އަނެއްކޮޅުން މެދުތެރެއަށް ކުޅޭ ހުނަރުވެރި މި ކުޅުންތެރިޔާ ބާސެލޯނާއަށް ބަދަލުވާން އުޅޭކަމަށް ވަނީ އަޑު ފެތުރިފައެވެ.
މާކޯ ވެރާޓީ އަށް އަނިޔާވެ ޕީއެސްޖީގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިން މަދުވުމުގެ މައްސަލަ ދިމާވި ނަމަވެސް، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް މި ހަފުތާގެ ތެރޭގައި ބުނެފައިވަނީ ރެބިއޮޓްއަށް އެއްވެސް މެޗެއްގައި އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
އެހެނަސް، ޔޫއެންއެފްޕީ އިން ވަނީ ރެބިއޮޓް ފަދަ ޕްރޮފެޝަނަލް ކުޅުންތެރިއަކު ފަރިތަކުރަން އެކަށީގެންވާ ވަސީލަތްތައް ޕީއެސްޖީގެ ސީނިޔާ ޓީމުން ބޭރުގެ ފަރިތަކުރުންތަކަށް ނެތް ކަަމަށާއި، އެހެންކަމުން މިއީ ފްރާންސްގެ ފުޓްބޯޅައިގެ ގަވައިދުތަކާ ހިލާފު އަމަލެއް ކަމަށް ބުނެފައެވެ.
ޔޫނިއަން އިން އިތުރަށް ބުނެފައިވަނީ ޕީއެސްޖީއަށް ބުދަ ދުވަހުގެ ނިޔަލަށް މުހުލަތު ދޭކަމަށާއި، އެ މުއްދަތުގެ ތެރޭގައި ޕީއެސްޖީ އިން ރެބިއޮޓް އަލުން އަބުރާ ޓީމާ ގުޅުމަށް ފުރުސަތު ނުދީފިނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
ޕީއެސްޖީއަށް ކުޅުންތެރިއެއްގެ މައްސަލައާ ކުރިމަތިވެފައިވާއިރު، އެ ޓީމުން ފާއިތުވި ދެތިން ޓްރާންސްފާ ވިންޑޯ ގައި އަގު ބޮޑުކޮށް ކުޅުންތެރިންތަކެއް ގެނެސްފައިވުމުން، ޔުއެފާގެ ފައިނޭންޝިއަލް ފެއަރ ޕްލޭ ރޫލް އާ ހިލާފުވެފައިވޭތޯ ބެލުމަށް ތަހުގީގުތައް ވެސް ކުރިއަށް އެބަދެއެވެ. އަދި އެ ޓީމަށް ފައިނޭޝިއަލް ފެއަރ ޕްލޭ ރޫލްއަށް ފެތުމަށްޓަކައި މުހިންމު ކުޅުންތެރިއަކު ދޫކޮށްލަން ޖެހިދާނެކަމުގެ ބިރު ވެސް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް