އެވަޓަން އަށް އައުމަށް ނިންމީ ބޯޑުގެ އަމާޒަށް ވާސިލުކޮށްދިނުމަށް ކަމަށް އެޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވި ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
އިޓަލީ އަށް އުފަން އުމުރުން 60 އަހަރުގެ އެންޗެލޯޓީ ބުނީ އެޓީމުގެ ކާމިޔާބީތައް ހޯދުމަށް އެވަޓަންގެ ބޯޑުގެ ސާފު އަމާޒެއް އެބައޮތް ކަމަށެވެ. އަދި އެއީ އެ ކްލަބަށް އޭނާ އައުމަށް ނިންމި މައިގަނޑު އެއް ސަބަބު ކަމަށެވެ.
ކްލަބުގެ ހުރިހާ ފަރާތްތަކާ ގުޅިގެން އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް އެވަޓަންގެ ކޯޗުގެ މަގާމާއި ހަވާލުވި އެންޗެލޯޓީ ބުންޏެވެ.
ރެއާލް މެޑްރިޑް، އޭސީ މިލާން، ޕީއެސްޖީ އަދި ޗެލްސީ އަށް އިރުޝާދުދީ ގިނަ ކާމިޔާބީތަކެއް އެ ކްލަބުތަކަށް ހޯދައިދިންނަމަވެސް އެންމެފަހުން މަސައްކަތްކުރި ނަޕޯލީގައި މާ ރަނގަޅު ނަތީޖާތަކެއް އޭނާއަށް ހޯދިފައެއް ނުވެއެވެ.
އެވަޓަންގެ ކޯޗުކަމުގެ މަގާމަށް އެންޗެލޯޓީ ހަމަޖެއްސީ، އެ މަގާމުގައި ހުރި މާކޯ ސިލްވަރ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރުމަށްފަހުއެވެ.
ޕްރިމިއަރ ލީގުގެ 16 ވަނައިގައި މިވަގުތު އޮތް އެވަޓަންގެ ކޯޗުގެ މަގާމު ވަގުތީ ގޮތުން މިހާރު އަދާކުރަމުން އަންނަ ޑަންކަން ފާގަސަންގެ ލަފައާއެކު ލީގުގައި މިހާތަނަށް އެޓީމުން ދެ މެޗު ކުޅެފައިވާއިރު، އެއްމެޗުން ވަނީ މޮޅުވެފައެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް