މަތީގައިއެވާ ފޮޓޯއިން ފެންނަ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖާގެ ނަމަކީ މުޚްލިސް އަބްދުލް ހޯލިކް އެވެ. އިންޑޮނޭޝިޔާގެ ސުކަބޫމީ އަށް އުފަން ހޯލިކް މިހާރު ކިޔަވަމުން އަންނަނީ ގްރޭޑް ތިނެއްގައެވެ. ސްކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ތިން ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތު ކުރަން ޖެހެއެވެ.
އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ހޯލިކްގެ ދެ ފައި އާންމު އިންސާނުންނާއި އަޅާބަލާއިރު ކުރެވެ. ކޮޅަށްހުރެ ހިނގުމަކީ ހޯލިކަށް ފަސޭހަކަމަކަށް ނުވާތީ އުޅެނީ ބައޯ ކިޔާފައެވެ. އަތަށް އިތުރު ފައިވާނެއް ލައްވާފައި ހުރެއެވެ. އެއީ ހިލަތަކުގެ މަތިން ދާއިރު އަތް ފިހިދާނެކަމަށްޓަކައެވެ.
ހޯލިކް ސްކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ކަޑައްތު ކުރަންޖެހޭ ރާސްތާގައި ލަކުޑިން ހަދާފައިވާ ކުޑަ ފާލަމެއް ހުރަސްކުރަންޖެހެއެވެ. ހިލަ މަގުމަތިން ދަތުރުކުރަން ޖެހެއެވެ.
ތައުލީމް ހޯދުމަށް ހޯލިކް ހަމަ ކޮންމެ ދުވަހަކު ކަޑައްތު ކުރަމުން އަންނަ މި ރާސްތާގެ ވާހަކަ އިންޑޮނޭޝިޔާގެ އާންމުންނާއި ހަމައަށް މިހާރު ފޯރާފައިވާއިރު މި އަހަރު ކުރީކޮޅު އެ ގައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވަނީ ހޯލިކާއި ބައްދަލުކުރައްވާފައެވެ.
ހޯލިކްގެ މަންމަ ބުނެފައިވަނީ ރާސްތާ ކިތަންމެ އުނދަގޫ ނަމަވެސް ހަމަ ކޮންމެ ދުވަހަކު ހޯލިކް ސްކޫލަށް ދާކަމަށާއި ފައިސާ ހުރި ނަމަ މޮޓޯ ސައިކަލެއް ގަންނަން ބޭނުން ކަމަށެވެ. ނަމަވެސް ބައޯ ކިޔާފައި ދާންޖެހުނަސް ހޯލިކް ދުވަހަކުވެސް ޝަކުވާ ނުކުރާކަމަށް ހޯލިކްގެ މަންމަ ބުނެފައިވެއެވެ.
އިންޑޮނޭޝިޔާގެ ރައީސް ހޯލިކާއި ބައްދަލުކުރެއްވީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވެފައިވާތުގައި ހޯލިކް އެންމެ ބޭނުންވަނީ ކޮންއެއްޗެއްތޯ ހޯލިކް ކުރެން އެހި ކަމަށެވެ. ނަމަވެސް ހޯލިކް އެއްވެސް އެއްޗެއް ބޭނުން ނުވި ކަމަށާއި ބޭނުމީ ކިޔަވަންކަމުގައި ހޯލިކް ބުނިކަމަށް އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވެފައިވެއެވެ.
އޭއެފްޕީއަށް މައުލޫމާތު ދެމުން ހޯލިކް ބުނެފައިވަނީ ބޮޑުވެގެން ވާން ބޭނުންވަނީ ފަޔަރ ފައިޓަރަކަށް، ޑޮކްޓަރަކަށް ނުވަތަ އެސްޓްރޮނޯޓަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް