ޓްވީޓްގެ މައްސަލަ މަހުލޫފް ގެ މައްޗަށް ސާބިތެއްނުވި

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކުރިމި...

21 Nov 2018 | 09:12

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ޤައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ޤައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ކުރިމިނަލް ކޯޓުން އެ ދައުވާ މަހުލޫފްގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާއިރު މިއަދު އަޑުއެހުން ތާވަލްކުރި ފަހުން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ވަނީ އެ މައްސަލަ އަނބުރާާ ގެންދިޔުމަށް އެދި ސިޓީއެއް ކޯޓަށް ފޮނުވާފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޒީ އަލީ އާދަމް ނިންމެވީ އެ މައްސަލާގައި އިބްތިދާއީ މަރުހަލާ ނިމިފައިވާތީ މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ. އޭގެފަހުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އާއި އަދީބަށް ޒަހަރުދީ މަރާލަން އުޅޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެން، ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ކުރި އެވެ. ނަމަވެސް މި ދައުވާތައްވެސް ވަނީ ކުރިމިނަލް ކޯޓުން ބޭރުކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް