އައު ސަރުކާރެއްގެ ވެރިކަން ފެށި މިއަދަށް ތިން ދުވަސް ވީއެވެ. އެންމެ ގިނައިން ދެކެވެމުން އަންނަ އެއް ވާހަކައަކީ ރައީސް ސާލިޙްގެ ދޮންކޭލާއި ކިރުތަށީގެ ވައުދުގެ ވާހަކައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދަރިވަރުންގެ ސިއްހަތާއި، އުފެއްދުންތެރިކަމާއި، ދުޅަހެޔޮ ކަމާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ.
ކޮންމެއަކަސް މި ވައުދެއްގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި، ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި އަހްމަދު ސިއްދީގު އިއްޔެރޭ ޗެނަލް 13ގައި ދެއްކި ވާހަކައަކުން މި ވައުދުގެ ބަހުސް މިވަނީ އިތުރަށް ފޯރިގަދަވެގެން ގޮސްފައެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކޮންފަދަ އުޖާލާ ދުވަސްތަކެއްތޯ އަޅުގަނޑުމެން ދެކެމުންދިޔައީ، އެމަނިކުފާނުގެ ވެރިކަމުގައި ކިރުތައްޓެއް ނޫނޭ ބުއީކީ، ބާގާ ކެއީ، ހެނދުނަށް ކެއީ، ސަބްމެރިންއާ ބާގާ ކައިގެން އަޅުގަނޑުމެން ތިބީ، އަޅުގަނޑުމެންގެ ދަރިން ތިބީ" ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވެފައިވެއެވެ.
ސިއްދީގުގެ މި ވާހަކައިން ސޯޝަލް މީޑިއާ ކެކި އުތުރި އެރިއެވެ. ހަމަ އެކަނި ސޯޝަލް މީޑިއާއެއް ނޫނެވެ. މަގުމަތީގައިވެސް ސިއްދީގުގެ ވާހަކަ ދެކެވެމުންދިޔައެވެ.
"ސިއްދީގު އިއްޔެ އެ ދެއްކި ވާހަކައަކީ ދައުވާވެސް ކުރެވިދާނެ ވަރުގެ ވާހަކަތަކެއް، އެ ފަކީރަށް ޖަންކު ފުޑާ ހެލްތީ ފުޑާވެސް ނޭނގުނު" ރައީސް ޔާމީންގެ ސަރުކާރުގައި ޑިސެބިލިޓީ އެމްބެސެޑަރުކަން ކުރެއްވި އަހްމަދު ހިސާން، އަޅުގަނޑާއި މަގުމަތިން ދިމާވެގެން ބުނެލިއެވެ.
ދުވަހުގައި ލިޔުނު ހަބަރަށްވެސް ކޮމެންޓް ކުރި މީހުން މުޅީންހެން ކޮމެންޓް ކޮށްފައިހުރީ ސިއްދީގު އެ ދެއްކި ވާހަކައާއި ދެކޮޅަށެވެ.
" ބަލަގަ.. ބާގާ/ސަބްމެރިން އާއި ކިރުތަށި/ދޮންކެޔޮ ތެރެއިން ސިއްޚަތަށް ފައިދާ ހުރީ ކޮންއެއްޗެއް ކަމެއް ބޭފުޅާއަށް ނޭގުމަކީ، ބޭފުޅާގެ ހުރި ތަންދޮރު ނުދަންނަ ވަރު. ތިކަން އެގޭ ފެންވަރު ހުރި ދިވެހި ދަރިން ކައިރިއަށް ތޔަ ހިތްމައިތިރި ކޮށްގެން ކިޔަވަން ދާން ނަސޭހަތްތެރިވަން. ތިޔަ ކިޔެނީ އަދި ރަގަޅު އެއްޗެއް ނޫނޭ ދަރިޔާ. ހަމަހޭ ޖެހުނީމަ އެގޭނެ އަމިއްލައަށް އަދި ދަރިންނަށް ތިޔަ ކާންދެވުނީ ރަގަޅު ކާއެއްޗެއް ނޫންކަން. ޢެދުވަހުން ބާގާ ކެވުނު މޮޔަ ހީވެ އަވަހަށް ކިރުތަށި/ދޮންކެޔޮ ލިބުނުގޮތަކަށް ހޯދައިގެން ކާންއުޅޭނެ. ހަސަދަވެރިކަމަކީ މީހާ ހަމަމަގުން ކައްސާލާ އެއްޗެކޭކިޔަނީ މިހެންވެ." ހެލްތު ވޯކަރު ނަމުގައި ކޮމެންޓް ކޮށްފައިވާ ފަރާތުން ބުނެފައިވެއެވެ.
" މިވާހަކައިން އެނގެނީ ކާބޯތަކެއްޗާއި ގުޅޭ ޢާންމު މައުލޫމާތު މީހުންނަށް އެގޭ މިންވަރު.
ހޭލުންތެރި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ." އެ ހަބަރު ރީޓްވީޓް ކުރި މީހަކު ޓްވިޓާގައި ބުނެފައިވެއެވެ.
-----------------------
ދޮންކޭލާ ކިރުތަށިތޯ، ބާގާއާ ސަބްމެރީންތޯ މި ސުވާލަށް ޖަވާބު ދެއްވީ ޑރ. އުސާމާ އެވެ. އޭނާ ވިދާޅުވީ ސަބްމެރީން އާއި ބާގާ އަކީ ޖަންކް ފުޑް ކަމުގައިވާއިރު ޖަންކް ފުޑަކީ އެއްވެސް އިރެއްގައި ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. އަނެއްކޮޅުން ދޮންކޭލާއި ކިރުތައްޓަކީ ފުޑް ޕިރަމިޑްގެ އެންމެ މަތީގައި ހިމެނޭ ތަކެތި ކަމުގައިވާއިރު ސިއްހަތަށް ފައިދާހުރި ނާސްތާއަކަށް އެންމެ ރަނގަޅު އެއް ޗޮއިސް ކަމުގައި ޑރ.ވިދާޅުވިއެވެ.
"ޖަންކް ފުޑް ކާނަމަ، ކޮލެސްޓްރޯލް ހައިވެ، ލޭ މައްޗަށް ހަކުރު މައްޗަށް ގޮސް ކުދިން ފަލަވެ، ލޮޑުވެ ބަލިކޮށްލާ، ސުވާލަކީ ޖަންކް ފުޑްގެ ނުރައްކާ އެނގިތިބެ އެއްވެސް ބެލެނިވެރިއަކު ދަރިއަށް ނާސްތާއަށް ޖަންކް ފުޑް ދޭނެތޯ؟ ނުދޭނެ" ޑރ. އުސާމާ ވިދާޅުވިއެވެ.
އުސާމާ އިތުރަށް ވިދާޅުވީ ކޮންމެ ސަރުކާރަކުން ކުރި ނަމަވެސް ދަރިވަރުންނަށް ހެނދުނު ނާސްތާއެއް ދިނުމުގެ ސިޔާސަތަކީ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ދޮންކޭލާއި ކިރުތަށީގެ ޕެކޭޖަށް ބިހެއް އިތުރުކޮށްލައިފިނަމަ ނާސްތާ އިތުރަށް ފުރިހަމަ ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް