ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކުށުން ދަފަރާ ކުރުމުގެ މަޤްޞަދުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއް ފެށުމަށް ކުރިއަށް އެބަދެ އެވެ.
ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުންނަށް ހުޅުވާލައިގެން " ވަން ކޮމިއުނިޓީ އާރޓް ކޮމްޕެޓިޝަން" ގެ ނަމުގައި ބާއްވާ މި މުބަރާތް މި ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
" ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުރެހުމުގެ މުބާރާތުން ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނ 2 ވަނަ އަދި 3 ވަނަ އަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅިމުބާރާތުން 1 ވަނަ، ދެވަނަ އަދި ތިން ވަނައަށް ހޮވޭ ދަރިވަރުންނަށްވެސް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ." ފުލުހުން ބުނެ އެވެ.
މިގޮތުން މުބާރާތުގައި ހިމެނޭ ތިން ކެޓަރީން އެއް ވަނަ އަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް 2000 ރުފިޔާގެ ފައިސާގެ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ތިން ވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖަހިފައެވެ. މީގެއިތުރުން މުޅި މުބާރާތުން އެއް ވަނަ އަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ތިން ވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމުގައި ފުލުހުން ހާމަކުރެ އެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި މިކުރެހުމުގެ މުބާރާތުގައި ހިމެނޭ ތިން ކެޓަރީއެއް ހިމެނޭއިރު، ކެޓަގަރީ 1 ގައި ބައިވެރިވެވޭނީ ޔޫ.ކޭ.ޖީ، ގްރޭޑް 1،2،އަދި 3 ގެ ދަރިވަރުންނަށެވެ. ކެޓަގަރީ 2 ގައި ބައިވެރިވެވޭނީ ގްރޭޑް 4،5،6 އަދި 7 ގެ ދަރިވަރުންނަށެވެ. އަދި ކެޓަގަރީ 3 ގައި ބައިވެރިވެވޭނީ ގްރޭޑް 8،9،10،11، އަދި 12 ގެ ސްކޫލު ތަކުގެ ދަރިވަރުންނަށެވެ.
"ކްރައިމް ޕްރިވެންޝަން، އަ ޝެއާޑް ރެސްޕޮންސިބިލިޓީ" ޝިޔާރަށް ތައްޔާރުކުރެވޭ ކުރެހުންތައް ހުންނަޖެހޭނީ އޭ 3 ސައިޒަށެވެ. މި މުބާރާތުގައި ތަފާތު މީޑިއަމްތަކުގެ ކުރެހުންތައް ބައިވެރިކުރެވޭއިރު މި މީޑިއަމްތަކުގެ ތެރޭގައި އިލުސްޓްރޭޝަން އާޓްސް، ކޮންޓެމްޕްރޮރީ އާޓްސް، ސިމްޕަލް ޑްރޯވިންގ ނުވަތަ ޕެއިންޓް އާޓްސް، ޑިޖިޓަލް އާޓްސް ފަދަ މިޑީއަމްތަކުގެ ކުރެހުންތައް ބައިވެރިކުރެވިދާނެއެވެ." ފުލުހުން ބުނެފައި ވެ އވެ.
މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ނިޔަލަށެވެ. ކޮންމެ ދަރިވަރަކުވެސް އެދަރިވަރަކު ބައިވެރިކުރާ ކުރެހުން ހުށަހަޅަންޖެހޭނީ އެދަރިވަރަކު ތަޢްލީމް ޙާސިލްކުރަމުންދާ ސުކޫލަށެވެ. އަދި ކުރެހުންތައް އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށްވެސް ހުށަހެޅިދާނެއެވެ. ދަރިވަރުންގެ ކުރެހުންތައް ހުށަހަޅާއިރު ކުރެހުމުގެ ފަހަތުގައި ނަމާއި އައިޑީ ކާޑު ނަންބަރާއި އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލިޔެފައި ހުންނަންވާނެއެވެ. މުބާރާތުގައި ބައިވެރިކުރާ ޑިޖިޓަލް ކުރެހުންތައް މެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. މިފަދަ ކުރެހުންތައް މެއިލްކުރާނަމަ މެއިލްކުރާނީ ޖޭޕީޖީ ފޯމެޓްގައެވެ. އަދި ޑިޖިޓަލް ކުރެހުންތައް މެއިލްކުރާނީ [email protected] އަށެވެ.
" ވަން ކޮމިއުނިޓީ އާރޓް ކޮމްޕެޓިޝަން" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު 9888011 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނާނޭކަމުގައި ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް