އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް މެމޯރިއަލް ކަޕް ފަށައިފި

އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމްގެ ހަނދާނުގައި ލ. ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ " އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް މެމޯރިއަލް ކަޕް" ފަށައިފިއެވެ. މި ނޮ...

21 Nov 2017 | 06:30

އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމްގެ ހަނދާނުގައި ލ. ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ " އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް މެމޯރިއަލް ކަޕް" ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ލ. ގަން ޕޮލިސް ސްޓޭޝަންގެ ކުޅިވަރު ބިމުގައި ފެށި މި މުބާރާތް ފައްޓަވާ ދެއްވައި ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމްގެ ބައްޕަ މޫސާ އަޙްމަދުއެވެ.

ލ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ނޮވެމްބަރު މަހުގެ 19 ން 28 އަށް ކުރިއަށްދާނެއެވެ. މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ކޮންމެ ޓީމެއްގައިވެސް ތިން ޒުވާނަކު ހިމަނާފައިވެއެވެ.

މިގޮތުން މުބާރާތުގައި ބައިވެރިވެފައިވާ  ކޮންމެ ޓީމެއްގައި އާންމުގެ ތެރެއިން ތިން ޒުވާނަކު ހިމަނާފައިވަނީ އެފަދަ  ޒުވާނުންނަށްވެސް މިފަދަ ހަރަކާތްތަކުން ފުރުޞަތު ހުޅުވައިދީ، ޒުވާނުންނަކީ މުޖުތަމަޢު ބަލައިގަންނަ، ކުށުން ދަފަރާވެފައިވާ އަދި މުޖުތަމަޢުއަށް ފައިދާ ހުރި ކަންކަމުގައި ހަރަކާތްތެރިވެ އުޅޭ ޒުވާނުން ބިނާކުރުމަށް މަސައްކަތްކުރުމުގެ މަޤުޞަދުގައިކަމަށް ލ. ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއެވެ.

އަލްމަރްޙޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް މެމޯރިއަލް ކަޕްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ނޯޖަވާން  އާއި ދެންޖަހައިބިލާ އެވެ. މިމެޗު ފޯރިގަދަ ކުޅުމަކަށްފަހު 3-2 ން ކާމިޔާބުކުރީ ދެންޖަހައިބިލާއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ދެންޖައިބިލާގެ އަޙްމަދު އުޝާމްއެވެ. މުބާރާތުގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ކެރަމަލް މަކިއާޓޯ އާއި ބްރާއޯ އެސްސީއެވެ. މިމެޗު 5-4 ން ކާމިޔާބުކުރީ މަކިއާޓޯއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މަކިއާޓޯގެ ޙަސަން ނާޝިދުއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ހޮނަރސް ރެސިޑެންސްގެ ފަރާތުން އެކްސްކާރޝަން ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ލ. ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށްގެންދަނީ  ހޮނަރސް ރެސިޑެންސް އާއި ލާމު އެޑްވެންޗަރ އާއި ދިރާގުގެ އިތުރުން  އެސްޓީއޯ ފޮނަދޫ އާއި  ލެޒިޒް އެފްއެސްޑަބްލިއު އަދި ބީޗް ސްޕޮޓްގެ އެހީތެރިކަމާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް