މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.
ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގައެވެ. މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ ލ.ކައްދޫ އެއަރޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރ ކާނަލް ޙާމިދު ޝަފީޤާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި ސެންޓްރަލް އޭރިއާގެ ސިފައިންވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އަދި އޭރިއާގައި މަސައްކަތްތައް ބައްލަވާލެއްވުމާއި ސެންޓްރަލް އޭރިއާގެ ސިފައިންނާ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފުން ތައްޔާރު ކުރަމުންދާ ފިލްމު "ހާދަރު" ގެ ޓީމުގައި ހިމެނޭ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. އަދި ކައްދޫ އެއަރޕޯޓްގެ މެނޭޖްމަންޓާއި ބައްދަލުކުރައްވާ އެއަރޕޯޓް ބެގޭޖް ސްކްރީނިންގ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވިއެވެ.
ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރެއްވި މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރެރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިފެންސް މިނިސްޓަރުގެ މިދަތުރުފުޅަކީ އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި އެމްއެންޑީއެފް އޭރިއާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް