އުރީދޫ ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މަސްވެރިކަން ކުރާ ގިނަ ޒުވާނުންތަކެއް ހިމެނޭ މަހިބަދޫ ސްޕޯޓްސް ކްލަބު ރެލިގޭޓްވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި މާޒިޔާ އަތުން މަހިބަދޫ ބަލިވެފައިވަނީ 7-1 ލަނޑުންނެވެ. މިއަދުގެ މެޗަށްފަހު ރެލިގޭޓްވި މަހިބަދޫ ޓީމުގައި މަސްވެރިކަން ކުރާ ގިނަ ޒުވާނުންތަކެއް ހިމެނޭއިރު، މި ޓީމު މާލޭގައި މެޗު ކުޅެނީ މަހިބަދޫގެ ވެލިދަނޑުގައި ފަރިތަކުރުމަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ. އަދި މަހިބަދޫ ޓީމުގެ ކުޅުންތެރިން މެޗު ކުޅުމަށް މާލެ އަންނަނީ ކަނޑުމަގުންނެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި އަދި ދެވަނަ ހާފްގައި ވެސް މާޒިޔާއިން މޮޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ. އެގޮތުން މާޒިޔާއިން ފުރަތަަމަ ހާފް ނިންމާލީ ދެލަނޑުގެ ލީޑަކާއެކު އެވެ. މާޒިޔާގެ މިދެލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އާއި އަހްމަދު ނާޝިދު އެވެ.
މިމެޗުގެ ދެވަނަ ހާފްގައި މަހިބަދޫގެ ޑިފެންސް ލައިނަށް ގިނަ ގޯސްތަކެއް ހެދުނެވެ. ދެވަނަ ހާފްގައި މާޒިޔާއަށް އަސަދުﷲ އިތުރު ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، ސަމްދޫހު މުހައްމަދު އާއި މޫސާ ޔާމީން ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
މި ނަތީޖާއާއެކު މާޒިޔާ ލީގުގެ ތިންވަނައިގައި އޮތީ 18 ޕޮއިންޓާއެކު އެވެ. ލީގުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު، ދެވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލެބެވެ. އަދި ރެލިގޭޓްވި މަހިބަދޫ ލީގުގެ ފުލުގައި އޮތީ ލިބުނު އެންމެ ޕޮއިންޓަކާއެކު އެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. އެދުވަހު ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސްއާއި މަހިބަދޫ އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ވެލެންސިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް