މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރަށު ކައުންސިލަރުންގެ މުސާރައާއި މިނިސްޓަރުންގެ ކާރު އެލަވަންސް އިތުރުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީގައި އިދާރީ މޭޒުން ދިން މަޢުލޫމާތުގެ ގޮތުގައި، މިހާރު މަޖިލިސް ރައީސަށް މަހަކު ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާއެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ލިބިވަޑައިގަންނަވާ 91,000 ރުފިޔާއާއި ކޮމިޓީ އެލަވަންސާއެކު މެންބަރުންނަށް ލިބިވަޑައިގަންނަވާ 82,500 ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.
މި ފަރަގު އުފެދިފައިވަނީ ކޮމިޓީތަކުގެ މަސައްކަތުގައި މަޖިލިސް ރައީސް ބައިވެރިވެވަޑައިނުގަންނަވާތީ ކަމަށް އިދާރީ މޭޒުން ބުނެފައިވެއެވެ.
މެންބަރުންނަށް ކޮމިޓީ އެލަވަންސް ދެނީ ބައްދަލުވުންތަކަށް ހާޒިރުވާ މިންވަރަށް ބަލައިގެންނެވެ. ބައްދަލުވުންތަކުގެ %50 އާއި %75 އާ ދެމެދަށް ހާޒިރުވާ މެންބަރުންނަށް 10,000 ރުފިޔާ ލިބޭއިރު، %75 އަށްވުރެ ގިނައިން ހާޒިރުވާ މެންބަރުންނަށް 20,000 ރުފިޔާ ލިބެއެވެ.
މި ފަރަގު ނައްތާލުމަށް މަޖިލިސް ރައީސަށް 22,000 ރުފިޔާގެ އެލަވަންސެއް ކަނޑައަޅަން ހުށަހެޅިކަމަށް އިދާރީ މޭޒުން ބުނެފައިވެއެވެ.
”ކަނޑައަޅާފައި މުސާރައިގެ ފަރަގުތައް ނައްތާލަން އެ ގެނެވުނު ބަދަލާއެކު މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގަންނަވަނީ 95،125 ރުފިޔާ. މަޖިލީހުގެ ނާއިބު ރައީސްއަށް 91،000 މަޖިލީހުގެ މެންބަރުންނަށް 82،500ރުފިޔާ.“
ރަށު ކައުންސިލްތަކުގެ ރައީސުންނަށް 25,500 ރުފިޔާ، ނައިބު ރައީސުންނަށް 20,000 ރުފިޔާ އަދި މެންބަރުންނަށް 18,000 ރުފިޔާ މިހާރު ލިބެއެވެ. އެ ހުރިހާ ފަރާތަކަށް 5,000 ރުފިޔާގެ ސާވިސް އެލަވަންސެއް އިތުރުކުރުމުން ރައީސުންނަށް 30,500 ރުފިޔާ، ނައިބު ރައީސުންނަށް 25,000 ރުފިޔާ އަދި މެންބަރުންނަށް 23,000 ރުފިޔާ ލިބޭނެއެވެ.
”މިއީ ތަންކޮޅެއް ފަރަގު ބޮޑުވީމާ އެ ކުޑަކުރަން،“ އިދާރީ މޭޒުން ބުނެފައިވެއެވެ.
މިނިސްޓަރުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެނީ 59,500 ރުފިޔާގެ މުސާރައެވެ. މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު މިނިވަން ކޮމިޝަންތަކުގެ މަގާމުތަކުގައި ތިބޭ މީހުންނަށް 74,000 ރުފިޔާ، މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް 59,000 ރުފިޔާ، އުއްތަމަ ފަނޑިޔާރަށް 91,000 ރުފިޔާ ލިބޭއިރު، ދަށު ކޯޓުތަކުގެ ގާޒީންގެ މުސާރަ 60,000 ރުފިޔާއަށް އަރާނެ ކަމަށް ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް