ރައީސް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --
ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިޔާސީ އަދި ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އިސްލާމްއާބާދުގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފިއެވެ.
ރައީސަށް މި ޝަރަފު އަރުވާފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުންނެވެ. ޑިގްރީ ހަވާލުކުރީ މިއަދު މެންދުރު އެ ޔުނިވާސިޓީން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސިޔާސީ އަދި ޚާރިޖީ ދާއިރާގެ ޚިދުމަތާއެކު، ރާއްޖޭގެ ކުރިއެރުމަށާއި އިސްލާމް ދީނުގެ ދިފާޢުގައި ރައީސް ކުރައްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރުމަކީ ވެސް މި ޝަރަފުގެ މަޤްޞަދެއް ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.
ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ތަޤުރީރުގައި ރައީސް ވިދާޅުވީ، މި ޝަރަފަކީ އެމަނިކުފާނުގެ އަމިއްލަ ކާމިޔާބީއަކަށްވުރެ ބޮޑަށް މާނަހުރި ކަމެއް ކަމަށެވެ.
"މީގެ މުހިންމުކަން ބޮޑީ، މި ޝަރަފު އަޅުގަނޑަށް އެރުވުނު ކަމުގައި ވިޔަސް، މިއީ ދިވެހި ރައްޔިތުން ހޯދި ކާމިޔާބީއަކަށް ވާތީ. އަދި މި ޝަރަފު އަރުވާފައި ވަނީ ތިޔަބޭފުޅުންގެ މަތިވެރި ގައުމުގެ ގާތް ރަހުމަތްތެރިކަމުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ޝަރަފު ޤަބޫލުކުރައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ޕާކިސްތާނުން ދައްކާ ޤަދަރާއި ހިތާމަކުރުމުގެ ރަމްޒެއްގެ ގޮތުގައެވެ. ރައީސުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމާއި، ބިޒްނަސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރައީސުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ފަރިއްކޮޅެއް ވެސް ދޭނެއެވެ.
ރައީސް ރަސްމީ ދަތުރުފުޅެއް އެ ގައުމަށް މިކުރައްވަނީ 1966 ވަނަ އަހަރުގެ ޖުލައި 26 ގައި ގާއިމުކުރި ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ދުވަސްވަރާ ދިމާވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް