ރައީސަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ކިޔަނީ -- ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމާއި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު، ދެ ލީޑަރުން ގުޅިގެން ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސް އެ ޤައުމަށް ވަޑައިގެންނެވީ އިއްޔެއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މި އަހަރަށް 60 އަހަރު ފުރެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިތުރު ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ބޮޑުވަޒީރާއެކު އެއްބަސްވެވަޑައިގެންނެވިއެވެ. ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާތަކުގައި ގުޅުން ވަރުގަދަކުރުމަށް ވެސް އެއްބަސްވި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި ޞިއްޙަތާއި ތަޢުލީމު، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުން، ދިފާޢީ އަދި ފުލުހުންގެ ދާއިރާތައް ހިމެނެއެވެ.
ސޮއިކުރި އެމްއޯޔޫތަކުގެ ތެރެއިން ރައީސް ޚާއްޞަކޮށް ފާހަގަކުރެއްވީ ދެ ޤައުމާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމާ ބެހޭ އެއްބަސްވުމެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުޅުވުނު ފުރުސަތެއް ކަމަށް ވިދާޅުވި ރައީސް، ރާއްޖޭގައި ޙަލާލް ޓޫރިޒަމް ތަރައްޤީކުރުމާ ބެހޭގޮތުން ވެސް ބޮޑުވަޒީރާއެކު މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ. ދިވެހި ޒުވާނުންނަށް ޕާކިސްތާނުން ދޭ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ވެސް އެއްބަސްވެވަޑައިގެންނެވިއެވެ.
ބޮޑުވަޒީރާއެކު ކުރެއްވި މަޝްވަރާތައް ވަރަށް އުފެއްދުންތެރި ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން ޔަޤީންވި ކަމަށް ރައީސް ވިދާޅުވިއެވެ.
"މި އެމްއޯޔޫތަކުން އަޅުގަނޑުމެންނަށް ލިބޭ މެސެޖު ވަރަށް ސާފު. މިއީ ތަފާތު އެކި ދާއިރާތަކުން ދެ ގައުމުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތުތަކެއް. އެކަމަކު، އެއްބަސްވުންތަކެއްގެ ފައިދާ ކުރާނެ ހަމައެކަނި ގޮތަކީ ނަތީޖާ ނެރުން. އެހެންވީމާ އަޅުގަނޑުމެންގެ ދެން އޮތް ކަމަކީ ދެ ގައުމަށް ފައިދާ ހުރި ގޮތަށް މި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ފަހުގެ 10 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ދިވެހި ވެރިޔާއެވެ. މީގެ ކުރިން ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅުތައް ކުރައްވާފައިވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް ޢަބްދުﷲ ޔާމީންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް