ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރި ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މިއަދު އިޢުލާނުކޮށްފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް މި ވާހަކަ ހާމަ ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުން ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު، ގުޅިގެން ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ދެ ޤައުމުގެ ދެމެދުގައި މިހާރު އަހަރަކު ކުރެވެނީ 13.9 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއެކެވެ. އެއީ ދެ ޤައުމުގެ އިޤްތިޞާދީ ޤާބިލުކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށް ޝެހްބާޒް ފާހަގަކުރިއެވެ.
ވިޔަފާރި، ދިފާޢީ ދާއިރާ، ޞިއްޙީ ދާއިރާ، ޤާބިލުކަން އިތުރުކުރުމާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރު ހިމެނޭ ގޮތަށް ދެ ޤައުމުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އެއްބަސްވެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، މާލެއާއި އަތޮޅުތަކުގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ރާއްޖޭން ކުރާ މަސައްކަތަށް ޕާކިސްތާނުން ފަންނީ އެހީ ފޯރުކޮށްދިނުމާއި، އެ ޤައުމުގެ މެޑިކަލް ޔުނިވަރސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެއްބާރުލުން ދިނުން ހިމެނެއެވެ. މި އެއްބަސްވުންތައް ތަންފީޒުކުރުން ގާތުން ބަލާނެ ކަމުގެ ޔަޤީންކަން ވެސް ބޮޑުވަޒީރު ދީފައިވެއެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެ ޤައުމަށް އެއްގޮތް ވިސްނުންތަކެއް ހުރިކަން ވެސް ޝެހްބާޒް ފާހަގަކުރިއެވެ. ފަލަސްޠީނުގެ ޙައްޤުގައި ރާއްޖޭން ގެންގުޅޭ ސާބިތު ސިޔާސަތަށް ތަޢުރީފުކުރި އޭނާ، އދ. ގެ ޤަރާރުތަކާ އެއްގޮތަށް މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ޕާކިސްތާނުން ފުރިހަމަ ތާއީދު ދޭކަން ތަކުރާރުކުރިއެވެ.
ކަރާޗީއާއި ގުވާދަރުގެ ބަނދަރުތަކާއި ރާއްޖޭގެ ރަށްތައް ގުޅުވައިދޭ ކަނޑުގެ ތާރީޚީ ގުޅުން ހަނދާންކޮށްދިން ބޮޑުވަޒީރު، ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް ލިބުނު އާ ދިރުމެއް ކަމަށް ބުނެފައިވެއެވެ.
މިއީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރިއަށްދަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް