ރައީސް މުއިއްޒު ޕާކިސްތާނުގައި: ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

21 Oct 2026 | 08:17
ރައީސް މުއިއްޒު ޕާކިސްތާނުގައި: ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ރައީސް ވަޑައިގެންނެވީ ރޭގައި އެވެ. ރައީސަށް ރަސްމީކޮށް އެގައުމުން މަރުހަބާ ދަންނަވާފައިވަނީ މިއަދު އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވުނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީގެކޮޅުގައެވެ.

ސޮއި ކުރެއްވުނު އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރު އަލުން ފެށުމާއި ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީއާއި މަސްތުވާތަކެތި ސްމަގްލްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތައް ހިމެނެއެވެ.

ދިފާޢީ ކަންކަމާއި ކަނޑުމަތީގެ ރައްކާތެރިކަމާ ގުޅޭ އެމްއޯޔޫތަކާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ އެމްއޯޔޫތަކުގައި ވެސް ދެ ޤައުމުން ސޮއިކޮށްފައިވެއެވެ. ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރުމާ ބެހޭ އެމްއޯޔޫއަކީ ވެސް މީގެ ތެރެއިން އެއް އެއްބަސްވުމެވެ. ނަމަވެސް، މި އެމްއޯޔޫތަކުގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.

މިއަދު ހެނދުނު، ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ރައީސަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމަށްފަހު، ދެ ޤައުމުގެ ރަސްމީ ވާހަކަތައް ވެސް ބޭއްވިއެވެ. ރައީސްގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ފަރިއްކޮޅު ދޭނެއެވެ.

ދަތުރުފުޅުގެ ތެރޭގައި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައި، ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ވެސް ބާއްވާނެއެވެ.

މިއީ މިދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް މުއިއްޒަކީ ޕާކިސްތާނަށް ވަޑައިގަންނަވާ ތިންވަނަ ދިވެހި ރައީސެވެ. ކުރިން ވަޑައިގެންނެވީ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި، 2015 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީނެވެ.

ރައީސް އޮފީހުން ފާހަގަކުރާ ގޮތުގައި މި ދަތުރުފުޅު ދިމާވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށް 60 އަހަރު ފުރޭ ދުވަސްވަރާއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 1966 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް