ޕާކިސްތާނުން ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޕާކިސްތާނަށް ޥަޑައިގެންނެވީ ޜޭގެ ޥަގުތެއްގައި ޢެވެ.
ރައީސަށް މަރުޙަބާ ދަންނަވާ ޚާއްޞަ ރަސްމިއްޔާތު ބޭއްވީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ އިސްވެރިން ރައީސަށް މަރުޙަބާ ދެންނެވިއިރު، ޕާކިސްތާނުގެ ސިފައިން ޝަރަފުގެ ގާޑު އެރުވިއެވެ.
ރަސްމިއްޔާތަށް ފަހު ހަމަ އެ ގެކޮޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަ ދައްކައި، 20 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ފަހުން ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒް ގުޅިގެން ބަޔާނެއް ދެއްވާނެ އެވެ.
ސޮއި ކުރުމަށް ހަމަޖެހިފައިވާ ޢެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމެންޓް، ޞިއްޙަތު، ތަޢުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލް އޭވިއޭޝަން އަދި ދިފާޢީ އަދި އަސްކަރީ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މާދަމާއާ ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތައް ތަޢާރަފުކުރުމަށް ބާއްވާ ބިޒްނަސް ފޯރަމެއްގައި ރައީސާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި، އެ އާއިލާތަކުގެ ވާހަކަތައް ރައީސް އަޑުއައްސަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން އެ ޤައުމަށް ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އޮފީހުން ފާހަގަކުރާ ގޮތުގައި މި ދަތުރުފުޅު ކުރައްވަނީ 1966 ވަނަ އަހަރުގެ ޖުލައި 26 ގައި ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ދުވަސްވަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް