ރައީސާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވައިފި

21 Oct 2026 | 09:27
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ރައީސް މުއިއްޒުއާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ރައީސް މުއިއްޒުއާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގު ބައްދަލު ކުރައްވައިފި އެވެ.

ދެ ބޭފުޅުން ބައްދަލު ކުރެއްވީ މިހާރު ޕާކިސްތާނަށް ރައިސް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޑރ. މުޢިއްޒުގެ ޚިދުމަތަށް ހާޒިރުވީ ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރާއި ޚާރިޖީ މިނިސްޓަރުގެ މަގާމަށް ކަނޑައަޅުއްވާފައިވާ މުޙައްމަދު އިސްޙާޤް ދާރެވެ. ރައީސް އެ ޤައުމަށް ކުރައްވާ ފުރަތަމަ ސަރުކާރު ދަތުރުފުޅަށް އިސްޙާޤް ދާރު މަރުޙަބާ ދަންނަވާފައިވެއެވެ. އެ ދަތުރުފުޅު ކުރައްވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ ދުވަސްވަރުއެވެ.

ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކި ދާއިރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ފުޅާކުރުމުގެ ފުރުޞަތު ހުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދެ ޤައުމުގެ ގުޅުމުގެ މުހިންމު ބިންގަލަކީ ދެ ޤައުމަށް ޝާމިލު އިސްލާމީ ހުވިއްޔަތު ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސާއި ވަފުދަށް ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ޖަވާބުގައި އިސްޙާޤް ދާރު ބުނީ، ދެ ފަރާތަށް ފައިދާހުރި މުހިންމު ދާއިރާތަކުގައި އަޚުވަންތަ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޕާކިސްތާނު ތައްޔާރަށް އޮތް ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އެމްއޯޔޫތައް ބަދަލުކުރުމުން ދައްކުވައިދެނީ އެއްބާރުލުން ފުޅާކުރުމަށް ދެ ފަރާތުން ކުރާ ވަޢުދު ކަމަށް ވެސް އޭނާ ބުންޏެވެ.

ރައީސް ޑރ. މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ޕާކިސްތާނަށް ސަރުކާރު ދަތުރުފުޅު ކުރައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ޖަވާބުދެއްވައި، 20 އޮކްޓޫބަރުން ފެށިގެން 22 އޮކްޓޫބަރާ ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް