މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

21 Oct 2026 | 04:19
މިދިޔަ އަހަރު ބޭއްވި މޯލްޑީވްސް ފައިނޭންސް ފޯރަމް -- ފޮޓޯ: ޕެންޝަން އޮފީސް

މިދިޔަ އަހަރު ބޭއްވި މޯލްޑީވްސް ފައިނޭންސް ފޯރަމް -- ފޮޓޯ: ޕެންޝަން އޮފީސް

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހުޅުވާލައިފިއެވެ.

މިއީ މި ފޯރަމް ބާއްވާ 13 ވަނަ އަހަރެވެ. ޕެންޝަން އޮފީހުން މައުލޫމާތުދޭގޮތުގައި މިއަހަރުގެ ފޯރަމް އޮންނާނީ 14 ނޮވެމްބަރު 2026 ގައި، ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ. ޕެ

މިފަހަރުގެ ޝިޢާރަކީ "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.

އެ އޮފީހުން މައުލޫމާތު ދޭގޮތުގައި، ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުން، މާލީ އިދާރާތަކާއި އިންވެސްޓަރުން، އަދި ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. މައިގަނޑު ބަޙުސްތަކުގެ ޒާތަކީ، ރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާ ކުރިއަރުވަން ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދޭނެ ގޮތްތަކެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާތައް މިހާރު އިންވެސްޓަރުންނާއި މާލީ އެހީ ދޭ ފަރާތްތަކުން ބަލަނީ މާލީ ނުރައްކަލެއްގެ ގޮތުގައި ކަމަށާއި، އެކަމުގެ ސަބަބުން ޤައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ފައިސާ ލިބޭ އުޞޫލުތައް ބަދަލުވަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް ބާޒާރެއް ބިނާކުރުމާއި، ތަރައްޤީގެ ސިޔާސަތުތަކާ ގުޅޭ މާލީ ވަސީލަތްތަކާއި ބާޒާރުގެ ހާލަތާ ބެހޭގޮތުން ފޯރަމްގައި ވާހަކަ ދެކެވޭނެއެވެ.

އިޢާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ކެތްތެރި އުމްރާނީ ވަސީލަތްތަކާއި، ނޫ އިޤްތިޞާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް އަލިއަޅުވާލެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް www.financeforum.mv ވެބްސައިޓުން މިހާރު ރަޖިސްޓަރީވެވޭނެއެވެ.

ޕެންޝަން އޮފީހަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާއެއްގެ ގޮތުން މާލީ ދާއިރާގެ ކުރިއެރުމަށް ޚާއްޞަ އިސްކަމެއް ދޭ ކަމަށާއި، ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ވަރުގަދަ އިޤްތިޞާދީ ސިޔާސަތުތަކާއި ދިގުމުއްދަތުގައި އެކަށީގެންވާ ފައިދާ ލިބޭނެ އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މައްޗަށް ކަމަށް އެ އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް