އުރީދޫ ފަން ރަން 2026 ގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

21 Oct 2026 | 03:43
މީގެ ކުރިން ބޭއްވި އުރީދޫ ފަން ރަންއެއްގެ ތެރެއިން -- ފޮޓޯ: އުރީދޫ

މީގެ ކުރިން ބޭއްވި އުރީދޫ ފަން ރަންއެއްގެ ތެރެއިން -- ފޮޓޯ: އުރީދޫ

"އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މިއަހަރުގެ ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގައި ކަމަށެވެ. މިއަހަރުވެސް ދުވާނީ ފަސް ކިލޯ މީޓަރަށެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. އުރީދޫއިން ބުނީ މި ދުވުމަކީ ވަކި ވަގުތެއްގައި ނިންމަން ޖެހޭ ރޭހެއް ނޫން ކަމަށާއި ކަނޑައަޅާފައިވާ ފަސް ކިލޯމީޓަރުގެ ދުވުން، ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުން ވެސް ނިންމާލެވޭނެއެވެ.

ދުވުން ކުރިޔަށް ދާއިރު އިތުރަށް ފޯރި ގަދަ ކުރުމަށް އެެހެން އަހަރުތަކެކޭ އެއްގޮތަށް މަގުމަތީގައި މަޖާ އޮބްސްޓިކަލްތަކާއި ތަފާތު ހަރަކާތްތައް ވެސް ބައިވެރިންނަށް ހުންނާނެއެވެ.

އުރީދޫއިން ބުނީ މިއަހަރުގެ ދުވުމުގައި ބައިވެރިންނަށް ވިއްކަން ދެ ޓީޝާތް ކިޓެއް ހަމަޖައްސާފައިވާ ކަމަށެވެ. 110 ރުފިޔާގެ ސްޓޭންޑާޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓާއި މަލްޓިޕާޕަސް ބަންޑާނާ އަދި ބިބެވެ.

210 ރުފިޔާއަށް ވިއްކާ ކިޓް ސެޓުގައި ފަން ރަން ޓީޝާޓާއި މަލްޓިޕާޕަސް ބަންޑާނާ، ދަބަހާއި އައި ގްލާސް ހިމެނެއެވެ. މީގެ އިތުރުން އޮކްޓޫބަރު 31 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ..

އުރީދޫއިން ވަނީ ދުވުމުގެ ކުރީ ދުވަހު، ޑިސެމްބަރު 10 ގައި، ޕްރީ އިވެންޓު ހަރަކާތްތަކެއް ވެސް ބާއްވަން ހަމަޖައްސާފައި އެވެ. އެދުވަހު ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބާއްވާއިރު، އެރޭ 8:00 އިން 12:00 އަށް މިއުޒިކް ޝޯއެއް ވެސް އޮންނާނެއެވެ.

އާއިލާއާއި ރައްޓެހިންނާއެކު ކޮންމެ އަހަރަކު ގިނަ ބަޔަކު ބައިވެރިވާ މި ދުވުމުގައި، މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވިއިރު 7,500 އަށް ވުރެ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް