ހުއްދައެއް ނެތި، ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކަށް ބިނާކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި ދެ މީހުންނަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ރަސެލް މިއާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުން ބަންދުކުރީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށެވެ.
ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތުގެ މައްޗަށް ފުލުހުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަޙުޤީޤުގައި ލިބޭ އިތުރު މަޢުލޫމާތާއި ހޯދުންތަކަށް ބަލައިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ން ދޫކުރާ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި، ވިޔަފާރީގެ ގޮތުން ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މަޢުލޫމާތު ހުރި މީހުން، އެފަދަ މައްސަލަތައް ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ޓާސްކްފޯހަށް ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. އެ މަޢުލޫމާތު ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ، ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް