ފޯލިކް އެސިޑް ހުސްވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކަ ސްޓޭޓް ފާމާއިން ދޮގުކޮށްފި

20 Oct 2026 | 18:46
ފޮޓޯ: ސްޓޭޓް ފާމާ

ފޮޓޯ: ސްޓޭޓް ފާމާ

މާބަނޑު އަންހެނުންނަށް މުހިންމު ބޭހެއް ކަމަށްވާ ފޯލިކް އެސިޑް މާލެއިން ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރެމުންދާ ޚަބަރުތައް ސްޓޭޓް ފާމާއިން ދޮގުކޮށްފި އެވެ.

އެ ކުންފުނިން ބުނީ ފޯލިކް އެސިޑް ބޭސް ހުސްނުވާނެ ކަމަށާއި އެ ކުންފުނީގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.

ސްޓޭޓް ފާމާއިން ބުނީ ފޯލިކް އެސިޑް އެ ކުންފުނީގެ މައި ސްޓޮކުގައި ހުރި ކަމަށާއި، ކުންފުނީގެ އެކި ފިހާރަތަކުން ވެސް ގަނެވޭނެ ކަމަށެވެ. ރާއްޖެއިން މި ބޭސް ހުސްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާަސީ ބޭސްތައް ދަތިކަމެއް ނެތި، މެދުނުކެނޑި ފޯރުކޮށްދިނުމަށް އަބަދުވެސް ދެމިތިބޭނެ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ. ބޭހާ ބެހޭ ގޮތުން ނުވަތަ ކުންފުނީގެ އެހެން ޚިދުމަތަކާ ގުޅޭ ގޮތުން ސުވާލެއް ހުރި ފަރާތްތަކަށް، އެ ކުންފުންޏާ ގުޅައިގެން ސާފުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓޭޓް ފާމާއިން ބުނާ ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބެން ހުންނަ ގޮތް ހެދުމަށް، ސްޓޮކް ދެނެގަނެ އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

އޭގެ އިތުރުން ބޭސް ރައްކާކުރާނެ ސްޓޯރޭޖުތައް ގާއިމުކުރުމާއި ހޮސްޕިޓަލުތަކުގައި ފާމަސީ ހުޅުވުމުގެ މަސައްކަތާއި، ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމަށް އޯޑަރު ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ސްޓޭޓް ފާމާއިން ބުނެފައިވެއެވެ.

މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައިގައި އެދެވޭ ހެޔޮ ބަދަލެއް ކުރިއަށް އޮތް އަހަރުގެ މެދުތެރެއަށް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް