ޕާކިސްތާނުން ދެންނެވި ހޫނު މަރުހަބާއަށް ރައީސްގެ ޝުކުރު، ދަތުރުފުޅުގައި ގުޅުން ވަރުގަދަ ކުރެވޭނެ

20 Oct 2026 | 18:09
ރައީސްގެ ދެކަނބަލުން ޕާކިސްތާނުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ޕާކިސްތާނުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޕާކިސްތަނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގެންނެވުމުން ދެންނެވި މަރުހަބާއަށް އެމަނިކުފާނު ޝުކުރު އަދާ ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ. ރައިސްގެ ދެ ކަނބަލުންނަށް އިސްލާމް އާބާދު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ފެޑަރަލް މިނިސްޓާ ފޯ މެރިޓައިމް އެފެއާޒް މުހައްމަދު ޖުނައިދް އަންވަރު ޗައުދްރީ އެވެ.

އެގައުމަށް ވަޑައިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބޭއްވޭ ބައްދަލުވުންތަކުން ގުޅުން އިތުރަށް ބަދަހިވެ، މުހިންމު މަސައްކަތްތަކުގައި ދެ ގައުމުގެ ބައިވެރިވުން ވަރުގަދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ދަތުރުފުޅަކީ ރައީސް އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތަށް ތައުރީފު ކުރައްވާ ޝުކުރު އަދާ ކުރައްވާފައި އެވެ.

ރައީސްގެ ދެ ކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއާޕޯޓުގައި ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައި އެވެ.

އެމަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާނީ މާދަމާއެވެ. އެ ރަސްމިއްޔާތު ބާއްވާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެ ކަމުގައިވާ ޕްރައިމް މިނިސްޓަރސް ހައުސްގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް މި ދަތުރުފުޅު ކުރައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށެވެ. މިއަދު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް