ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތަކެއް ދެބޭފުޅުން ވަނީ ދައްކަވާފައެވެ.
ރައީސްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޒަމާންވީ ބަދަހިގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން އެގޮތުގައި ކުރިމަގުގައި ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމުގައެވެ. އެމަނިކުފާނު ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ އުމުރާނީ ތަރައްޤީއާ މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގައި ވެސް މަސައްކަތް ކޮށްދެއްވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.
ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޒަމާންވީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެކެވެ. އެގޮތުން އުމުރާނީ ތަރައްޤީއާ އިޖުމާއީ އަދި އިޤްޞާދީ ދާއިރާ އިންވެސް ގިނަގުނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ވެދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް