ނޮވެމްބަރު 11 ގައި އިބޫ ހުވާ ކުރެއްވުމުގައި ގާނޫނީ ހުރަހެއް ނެތް: އީސީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނޮވެމްބަރު 11 ގައި ހުވާ ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފިއެވެ. ދުވަހަށް މައުލޫމާތު ލިބ...

21 Oct 2018 | 12:41

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނޮވެމްބަރު 11 ގައި ހުވާ ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އީސީން މިގޮތަށް ނިންމާފައިވަނީ އެ ކޮމިޝަންގެ ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މިގޮތަށް އީސީން ނިންމާފައިމިވަނީ އިންތިހާބީ ރައީސްގެ އޮފީހުން އެކަމާއި ގުޅޭގޮތުން ފޮނުވި ސިޓީއަކާއި ގުޅިގެން އީސީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިޚާބުގެ ދައުރާ ގުޅޭގޮތުން، އިންތިޚާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފަ އެވެ. އޭރު ބަންޑާރަ ނައިބުގެ އޮފީހުން ދިން ލަފާގައި އޮންނަނީ، "މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަގާމްގެ ދައުރު ގުނަން ފަށާނީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައި، އެ ހުވާގެ އިގްރާރުގައި ސޮއިކުރެއްވި ތާރީޚު ކަމުގައިވާ 2013 ނޮވެމްބަރު 17 އިން ފެށިގެން ކަމުގަ އާއި އެމަނިކުފާނުގެ މަގާމުގެ ދައުރު ހަމަވާނީ 2013 ނޮވެމްބަރު 17 އިން ފެށިގެން ފަސް އަހަރު ހަމަވާ ތާރީޚުގައި ކަމަށް ފެންނަ" ކަމަށެވެ.

ނަމަވެސް ގާނޫނު އަސާސީގައި ބުނާ ތާރީހަކީ 11 ނޮވެމްބަރެވެ. ރައީސް ޔާމީން ނޮވެމްބަރު 17ގައި ހުވާ ކުރެއްވީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ކުރިމަތިވި މައްސަލަތަކާއި ގުޅިގެން ނޮވެމްބަރު 11 ގައި ހުވާކުރުން ނުބޭއްވުމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން އިބޫ ކުރި ހޯއްދަވާފައިވާއިރު އިންތިހާބު ބާތިލު ކޮށްދިނުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ އިންތިހާބު ބާތިލުކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް