ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް މާދަމާ ފަށާނެ ކަމުގައި ހައި ކޯޓުން ބުނެފިއެވެ.
އެ ކޯޓުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ފުރިހަމަ ކުރުމަށް ފަހު، ޝަރީޢަތްތައް ފެށުމަށް މި ތައްޔާރުވީ، 14 އޮގަސްޓް 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާސްކުރައްވާފައިވާ ޤަރާރުގައިވާ ގޮތުގެ މަތީން ކަމަށެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފީގެ ޝަރީޢަތްތައް ފެށުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިހާރުވަނީ ކުޅުދުއްފުށްޓަށް ވަޑައިގެންފައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ. ހދ. ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ." ހައި ކޯޓުން ބުނެފައިވެއެވެ.
ހައި ކޯޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 14 އޮގަސްޓްގައި ނެރުއްވާފައިވާ ޤަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ހައިކޯޓުގެ އުތުރުގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވުމާއި އެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިއަށް ގެންދިޔުމަށް ކަމަށާއި އަދި 14 އޮގަސްޓް 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާއްމު ސިޓީންވަނީ، ދިވެހިރާއްޖޭގެ އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައި ކަމަށެވެ.
"ހދ. ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެއެވެ." ހައި ކޯޓުން ބުނެއެވެ.
އެ ކޯޓުން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބުލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިރުޝާދާއި އެކު، ދެކުނު ގޮފީގެ މަސައްކަތްވެސް އަލުން ފަށާ، ޝަރުޢީ ދެ ވަފުދަކުން ދެ ދުވަސްވަރެއްގައި ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ މައްސަލަތައް ނިންމަވާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް