އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހި ބަހުން ޓްވީޓެއް ކުރެއްވުމަކީ ވ ވ ވ ބޮޑު ކަމެއް ކަމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.
އަޝްރަފް މިހެން ވިދާޅުވީ އޭނާ އިއްޔެ ލިޔުއްވި ފޭސްބުކް ސްޓެޓަސްއެއްގައެވެ.
އަޝްރަފްގެ ސްޓެޓަސްގައި ވިދާޅުވެފައިވަނީ އާބާދީ ބޮޑު، ބާރާއި ނުފޫޒު ގަދަ ގައުމެއްގެ ވެރިޔަކު އޭނާގެ އަމިއްލަފުޅު ޓުވީޓަރ އެކައުންޓުން ދިވެހި ބަހުން ޓުވީޓު ކުރެއްވުމަކީ ދިވެހި ބަހުގެ މައްޗަށް ދުނިޔޭގެ އެތައް ލޮލެއްގެ ސަމާލުކަން ހުއްޓޭނެ ކަމެއްކަން ކަށަވަރު ކަމަށެވެ.
"މިއީ ކުޑަ ކަމެއް ނޫން. ވ ވ ވ ބޮޑުކަމެއް" އަޝްރަފްގެ ސްޓެޓަސްގައި ލިޔުއްވާފައިވެއެވެ.
އެ ސްޓަޓަސްގައި އަޝްރަފް އިތުރަށް ވިދާޅުވެފައިވަނީ މިއީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ ކަމެކެވެ. ވަކީން ހާއްސަކޮށް ތާނަ އަކުރުން މެސެޖު ކުރެއްވިކަން މިއީ އަދުގެ ސުމޭކު ދުނިޔޭގައި ތާނައަށް އޮތް ފަހިކަން ހާމަވާ އަލިގަދަ ހެއްކެއް ކަމުގައިވެސް އަޝްރަފް ވިދާޅުވެފައިވެއެވެ.
ދިވެހި ބަހުން ޓުވީޓެއް ކުރެއްވީތީ އަޝްރަފް ވަނީ މޯދީއަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް