ސައުދީ ނޫސްވެރިޔާގެ މަރު: އަދިވެސް އަޑި ނޭނގޭ އެތައް ކަމެއް !

ސައުދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ހަޝޫގްޖީއަށް ވީނުވީއެއް ނޭނގި ގެއްލުނީ މި ހިނގާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގައެވެ. ސައުދީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށްބުނެ މިދިޔަ އަހަރު ސަ...

21 Oct 2018 | 00:04

ސައުދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ހަޝޫގްޖީއަށް ވީނުވީއެއް ނޭނގި ގެއްލުނީ މި ހިނގާ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގައެވެ. ސައުދީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށްބުނެ މިދިޔަ އަހަރު ސައުދީ ދޫކޮށް އެމެރިކާއަށް ހިޖުރަ ކުރި މި ނޫސްވެރިޔާ ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ، އޭނާގެ ކުރީގެ ކައިވެނީގެ ވަރީގެ ސެޓްފިކެޓް ކޮޕީ ހޯދުމަށެވެ. ބޭނުމަކަށް ވެފައި އޮތީ ތުރުކީގައި ހުރި އޭނާގެ ލޯބިވެރިޔާ ޚަދީޖާ އާއި ކައިވެނި ކުރުމެވެ.

ޚަދީޖާ ޖަމާލާއެކު ވަކި ހިސާބަކަށް ދިޔަ ކަމަށްވެއެވެ. އަދި ސައުދީ ކޮންސިއުލޭޓް ބަންދު ކުރާ ވަގުތު ޖެހުނު އިރުވެސް ހަޝޫގްޖީގެ ހަބަރެއް ނުވުމުން ހަދީޖާ އެކަން ރިޕޯޓް ކުރިއެވެ. އެހިސާބުން ތުރުކީ ފުލުހުން ހަޝޫގްޖީ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ތުރުކީ ފުލުހުން ފެށި ތަހުގީގުން އެނގުނު ގޮތުގައި ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓަށް ވަން ކަން ކަށަވަރެވެ. ވަންނަ މަންޒަރު ސީސީ ޓީވީ ފުޓޭޖުން ފެނެއެވެ. ނިކުންނަ މަންޒަރު ފެންނާކަށް ނެތެވެ. ނަމަވެސް ސައުދީން ބުނަމުން ދިޔައީ ހަޝޫގްޖީ ކުރަން އައި ކަންކަން ކުރުމަށްފަހު އެހެން ދޮރަކުން ނިކުމެގެން ދިޔައީ ކަމަށެވެ.

ތުރުކީ ފުލުހުންގެ އޮޕަރޭޝަނުގެ ކަންކަން މައިގަނޑު ގޮތެއްގައި މީޑިއާއަށް ސިއްރު ކޮށްފައި އޮތް ނަމަވެސް އެ އޮޕަރޭޝަނުގައި އުޅުނު ބައެއް ފުލުހުން ދިޔައީ ސިއްރިޔާތުގައި ބައެއް މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރަމުންނެވެ. އެގޮތުން ތަހުގީގު ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތުރުކީ ފުލުހުން ބައެއް ކަންކަން ބައެއް މީޑިއާތަކަށް ހާމަކުރަން ފެށިއެވެ.

ސައުދީ ކޮންސިއުލޭޓް ތެރޭގައި ހަޝޫގްޖީ މަރާލާފައިވާކަމަށް ތުރުކީ ފުލުހުން ތުހުމަތު ކުރިއެވެ. ނަމަވެސް ތަކުރާރުކޮށް ސައުދީން ދިޔައީ އެކަން ދޮގު ކުރަމުންނެވެ.

ދެ ގައުމު ގުޅިގެން ތަހުގީގު ޓީމެއް އެކުލަވާލުމަށް ތުރުކީގެ ރައީސް އުރުދުގާން އާއި ސައުދީ ރަސްގެފާނު ސަލްމާން އެއްބަސްވީ 14 އޮކްޓޯބަރުގައެވެ. 15 އޮކްޓޯބަރުގައި އެ ކޮންސިއުލޭޓް ބަލާ ފާސް ކުރެވުނެވެ. ތުރުކީން ބުނެފައިވަނީ ހެކި ފޮރުވަން މަސައްކަތް ކޮށްފައި ހުރިކަން ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން "ޓޮކްސިކް" މާއްދާތަކެއް ނައްތާލަން މަތި މައްޗަށް ދަވާދުލާފައިވާކަން ފާހަގަ ކުރެވުނު ކަމަށް ބުނެފައިވެއެވެ.

އެދުވަހުވެސް ސަލްމާން ރަސްގެފާނު އެމެރިކާގެ ރައީސްގެ އަރިހުގައި ދެންނެވީ ހަޝްހޫގްޖީ ކޮންސިއުލޭޓަށް ދިއުމަށްފަހު ނިކުމެގެން ދިޔަ ކަމަށެވެ.

ނަމަވެސް 19 ވަނަ ދުހުގެ ރޭގައި ސައުދީން ވަނީ، ކޮންސިއުލޭޓް ތެރޭގައި ހަޝޫގްޖީ މަރާލާފައިވާކަމަށް އެއްބަސްވެފައެވެ. އަދި އިސް ތިން މީހަކާއި އިތުރު 18 މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައިއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އެންމެ ގާތް އެކަކު ކަމުގައިވާ އަސީރީ އާއި ޔަމަނު އޮޕަރޭޝަންގެ އިސް ވެރިޔާ އާއި އެޑްވައިޒަރު ހިމެނޭއިރު އަނެއް 18 މީހުންގެ ތެރޭގައި، ތުރުކީއަށް ގޮސް ހަޝޫގްޖީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި 15 މީހުންގެ ޓީމު ހިމެނޭކަމަށް މުއުތަބަރު މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ހަޝޫގްޖީ މަރާލެވުނު ގޮތް އަދި އިތުރު ތަފްސީލް

ސައުދީން ބުނެފައިވަނީ ހަޝޫގްޖީ މަރުވެފައިވަނީ ކޮންސިއުލޭޓް ތެރޭގައި ތިބި ބަޔަކާ ހިނގި ތަޅާފޮޅުމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ތުރުކީގެ ފުލުހުން ސިއްރިއްޔާތުގައި މީޑިއާތަކާއި ހިއްސާ ކުރާ ވާހަކަތައް ވަރަށް ތަފާތެވެ. އެގޮތުން ހަޝޫގްޖީ މަރާލި ކަމުގެ އޯޑިއޯ އަދި ވީޑިއޯ ހެކި ހުރިކަމަށް އެމީހުން ބުނެއެވެ.

ހަޝޫގްޖީ މަރާލާފައިވަނީ ދިރިހުއްޓާ ހަށިގަނޑުގެ އެކި ބައި ބައި ކީހަކު ބުރި ބުރިކޮށް ސައުދީ ކޮންސިއުލޭޓް ޖެނެރަލްގެ ކުރިމަތީގައި ކަމަށާއި އަދި ބުރި ބުރިކޮށްފައިވާ ބައިބައި ސައުދީ ކޮންސިއުލޭޓުން ބޭރުކޮށްފައިވާކަމަށް ތުރުކީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކުރިއެވެ. އަދި އެދުވަހު އެ ކޮންސިއުލޭޓްގެ އޮފިޝަލުންނަށް ޗުއްޓީ ދީފައިވާކަމަށާއި މުޅި އޮޕަރޭޝަން ކުރިއަށްގެންދިޔައީ ސައުދީން ތުރުކީއަށްދިޔަ 15 މީހުންގެ ޓީމުން ކަމަށް ބުނެފައިވެއެވެ.

ސައުދީން ހަޝޫގްޖީ ދެކެ އެންމެ ރުޅި އަންނަ އެއް ސަބަބަކަށް ވެފައި އޮތީ ޔަމަނުގެ ދާހިލީ ހަނގުރާމައަށް ސައުދީން ވަނުމުން އެކަމާ ދެކޮޅަށް ހަޝޫގްޖީ ލިޔަމުންދިޔަ ލިޔުންތަކެވެ. އިތުރު އެތައް ހިތްހަމަނުޖެހުންތަކެއް ހަޝޫގްޖީއާއި ދެމެދު ސައުދީން އޮތެވެ.

މިކަމުގައި މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ އަދި ގޮންޖެހުމަކީ ހަޝޫގްޖީގެ ހަށިގަނޑު ފެނިފައިނުވުމެވެ. ނުވަތަ އެ ހަށިގަނޑަށް ކުރީ ކީއްކަން ސައުދީން ހާމަކޮށްފައި ނުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް