މޯބައިލް ފޯނު: ދުރުގައި ތިބޭ މީހުން ގާތް ކޮށް، ގާތުގައި ތިބޭ މީހުން ދުރުކޮށްދޭ !

ޒަމާނަށް އަންނަ ބަދަލުތަކާއެކު އަހަރެމެން އިންސާނުންވެސް މި އަންނަނީ ބަދަލުވަމުންނެވެ. އަހަރެމެންގެ އާދަތައްވެސް މި އަންނަނީ ދުވަހެއް ދުވަހަކަށް ބަދަލު ކުރަމުންނެވެ. އިންސާނީ ޖީލަށް ޓެކްނޮލޮޖީގެ އެހީގ...

20 Oct 2018 | 22:10

ޒަމާނަށް އަންނަ ބަދަލުތަކާއެކު އަހަރެމެން އިންސާނުންވެސް މި އަންނަނީ ބަދަލުވަމުންނެވެ. އަހަރެމެންގެ އާދަތައްވެސް މި އަންނަނީ ދުވަހެއް ދުވަހަކަށް ބަދަލު ކުރަމުންނެވެ.

އިންސާނީ ޖީލަށް ޓެކްނޮލޮޖީގެ އެހީގައި ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ފޯނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެކަކު ދުނިޔޭގެ އެއް ބިތުގައި އަނެކަކު އަނެއް ބިތުގައި ހުއްޓަސް ފޯނަކީ އެ ދުރުކަން ނައްތާލަދޭ ބައިވެރިޔާ އެވެ. ޒަމާން ތަރައްގީވެ ފޯނުން ހަމަ އެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި އަނެކާ އިހުސާސް ކުރެވޭހާ މިންވަރަށް ފޯނު މި ދަނީ ތަރައްގީ ވަމުންނެވެ. ޝައްކެއް ނެތެވެ. ފޯނަކީ ދުރުގައި ތިބޭ އަހުންނާއި އުހުތުން ގާތް ކޮށްދޭ އާލާތެކެވެ.

ދެން އޮތީ ކަމުގެ އިދިކޮޅެވެ. އެއީ ފޯނަކީ ގާތުގައި ތިބޭ އަހުންނާއި އުހުތުން ދުރުކޮށްދޭ އާލާތަކަށް ވުމެވެ. ކަން މިހެން ދިމާވަނީ ފޯނު ބޭނުން ކުރުމުގައި ގެންގުޅެވޭ ނުބައި އާދައެއްގެ ސަބަބުންނެވެ.

އެއް މިސާލަކީ ރަހުމަތްތެރިންނާއެކު ކޮފީއަށް އަރާފައި ތާ އަބަދު ފޯނު ކޮށްޓަން އިނުމެވެ. ރަހްމަތްތެރިންނާއެކު އޮންނަ ގުޅުން އެކަންޏެއް ނޫނެވެ. އާއިލާއާއެކު އެއް ސުފުރާ މައްޗަށް އަރާފައިވެސް ފޯނު ކޮށްޓާ ނިމޭ ކަމަކަށް ނުވެއެވެ. އަނބި މީހާއާއެކު ނިދަން އެނދަށް އަރާފައިވެސް އެ ނޫން ކަމެއް ކުރާނެ ވަގުތެއް ނުވެއެވެ. ހުއްޓުމެއް ނެތި ފޯނު ކޮށްޓުމުގެ ނަތީޖާއަށް ވެފައި އޮންނަނީ ދޭދޭ ގުޅުންތައް ހީނަރު ވަމުން ދިއުމެވެ. ހަމަ އެއާއެކު ތިބާ އެ ނުބައި އާދައިގެ ތެރެއަށް ގަރަގު ވަމުން ވަމުން ގޮސް އެކަމަކުން ސަލާމަތް ވެވޭ ގޮތް ނުވުމެވެ.

މިކަމުގެ ހައްލު ވަރަށް ސާފެވެ. އެއީ ފޯނަކީ ވަކި ހައްދެއްގައި ގެންގުޅޭ އެއްޗަކަށް ހެދުމެވެ. ދުނިޔަވީ ހުރިހާ ކަމަކަށްވުރެ ހަމަ އެކަނި ފޯނު މުހިންމު ނޫންކަމުގައި ގަބޫލު ކުރުމެވެ. އަދި އަހުވަންތަކަން ދެމެހެއްޓުމަށްޓަކައި އަނެކުންނާއެކު ހޭދަކުރާ ވަގުތުތަކުގައި ފޯނު ޖީބުގައި ނުވަތަ އެއް ފަރާތެއްގައި ބޭއްވުމެވެ.

އިނގިރޭސި ހަރު ބަހެއްގައި ބުނެފައިވެއެވެ. ކާނާ އަކީ ނިއުމަތެކެވެ. ނަމަވެސް މާ ގިނައިން ކައިފި ނަމަ އެއީ ޒަހަރަކަށް ވެދެ އެވެ. ހަމަ އެ ބީދައިން ފޯނަކީވެސް އޭގެ ޒާތުގައި ނިއުމަތަކަށް ވެދެއެވެ. ނަމަވެސް މާ ގިނައިން ބޭނުންކުރަން ވެއްޖެ ނަމަ ފޯނުވެސް ވެގެންދަނީ ހަޔާތަށް ޒަހަރަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް