އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވައިފި

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ މިރޭ ބޭއްވި، ވަޒީރުންގެ މަޖިލީހ...

20 Sep 2019 | 22:05

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ މިރޭ ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައެވެ.

ކުއްލި މި ޖަލްސާ ބާއްވާފައިވަނީ މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި މި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވެވި ކުއްލި ޖަލްސާ ބާއްވަވާފައި ވަނީ މިރޭ މުލީއާގޭގައެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މިރޭގެ މި ޖަލްސާގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކުގެ ކަންކަން ކުރިޔަށްގެންދެވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމެވިއެވެ. އަދި މިރޭގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަން ވަޒީރުންގެ މަޖުލީހުގައި ނިންމެވިއެވެ.

ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް ވިހާ އަވަހަކަށް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް