ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެކަމަށް ދަނީ އަޑު އުފުލަމުން – ޚުތުބާ

ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެކަމަށް ދަނީ އަޑުއުފުލަމުން ކަމަށާއި މުސްލިމުންގެ ޙައްޤުތައް ވަނީ ޗިސްޗިސްކޮށްފައި ކަމަށް މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެވެ...

21 Aug 2018 | 06:27

ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެކަމަށް ދަނީ އަޑުއުފުލަމުން ކަމަށާއި މުސްލިމުންގެ ޙައްޤުތައް ވަނީ ޗިސްޗިސްކޮށްފައި ކަމަށް މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެވެ. މިއަދު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އަޟްހާ ޢީދު ނަމަދު ކުރުން ކުރިޔަށް ގެންގޮސްފައި ވާއިރު އަޟްހާ އީދު ނަމާދު ޚުތުބާގައި ފާހަގަ ކޮށްފައިވަނީ މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން ކަމަށާއި އިބްރާހީމްގެ ފާނާއި އެކަލޭގެފާނުގެ ދަރިކަލުން ދެއްކެވި ޤުރުބާނީން އިސްލާމީ އުއްމަތް މިއަދު މިވަނީ ޢިބްރަތް ހާސިލް ކުރަން ޖެހިފައި ކަމަށެވެ.

ޚުތުބާގައި ފާހަގަކޮށްފައިވަނީ މިހާރަކަށް އައިސް ފެންނަމުން ދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާ ތަން ކަމަށާއި ކީރިތި ޤުރުއާނަށް ދަނީ އިހާނެތިކޮށް ހިތަމުން ކަމަށެވެ. މި ދީނުގެ ނަބިއްޔާއަށް ދަނީ ފުރައްސާރަ ކުރަމުން ކަމަށްވެސް ޚުތުބާގައި ވެއެވެ.

"މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި އެތަންތަން މި ދަނީ ފޭރިގަންނަމުންނެވެ. މުސްލިމުންގެ ވެރީންގެ އަބުރަށް ދަނީ އަރައިގަންނަމުންނެވެ. އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރްކަޒުތަކުގެ މަންހަޖުތައް ބަދަލުކުރެވޭތޯ ދަނީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އިސްލާމްދީން މިވަނީ އެދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑު އުފުލަމުންނެވެ. މުސްލިމުންގެ ޙައްޤުތައް ވަނީ ޗިސްޗިސްކޮށްފައެވެ. އިސްލާމްދީނަށް އެމީހުންގެ ވަގުތުންނާއި، އެމީހުންގެ މުދަލުންނާއި، އެމީހުންގެ އީޖާދުތަކުން ޤުރުބާންވާން ކެރޭ މީހުންނަށް މިއަދު ވަނީ ބޭނުންވެފައެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރު ކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް ވަނީ ބޭނުންވެފައެވެ."  ޚުތުބާދެއްވަމުން އިމާމު ވިދާޅުވިއެވެ.

މީގެއިތުރުން ޚުތުބާގައި ވަނީ އީދަކީ މިނިވަންކަމުގެ އީދެއްކަމަށާއި ، އީދު ހަދަންވާނީ ނަފުސުތައް ޝަހަވާތްތަކުން މިނިވަންކޮށްދޭ ޢީދަކަ ށެވެ. ހަވާ ނަފްސުގެ ދަހިވަތިކަމުން މިނިވަންކޮށްދޭ ޢީދަކަށް ކަމަށާއި ހިތްތައް ޙަސަދަވެރިކަމުންނާއި ނީހަވެރިކަމުންނާއި ދެފުށް ދެގޮތްކަމުން މިނިވަންކޮށްދޭ ޢީދަކަށްކަމަށް ޚުތުބާގައި ވެއެވެ. ދޫތައް ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުންފަދަ ރޯގާތަކުން މިނިވަންކޮށްދޭ ޢީދަކަށް މުސްލިމުންގެ އީދު ހަދަން ވާނެކަމަށް އީދު ޚުތުބާ ދެއްވަމުން އިމާމު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް