ލ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު އުދައިގެ އަސަރުކޮށް ބައެއް ގެއްލުންތައް ވެއްޖެ އެވެ. އެގޮތުން އުދައިގެ އަސަރު އެންމެ ބޮޑަށް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ ލ އަތޮޅު މާބައިދުއަށެވެ.
ދުވަހަށް މައުލޫމާތު ދެމުން މާބައިދޫން ވާހަކަދެއްކި ޒުވާނަކު ބުނީ އުދައިގެ އަސަރު ރަށުގެ އެއްފަޅިއަށް ކޮށްފައިވާއިރު އެކަމުގެ ސަބަބުން ރަށުން ކަރަންޓް ކަނޑާލާފައިވާކަމަށެވެ. އަދި ރަށުން ކަރަންޓު ކަނޑާލުމުގެ ސަބަބުން ދިރާގު ހިދުމަތް މެދުކެނޑިފައިވާކަމަށެވެ.
"ބައެއް ގެތަކަށް ގާތްގަނޑަކަށް ދެފޫޓަށް އުދަ އަރާފަ އެބަހުރި، އެހެނަސް އެއީ މީހުން އުޅޭ ގެތަކެއް ނޫން، މީހުން އުޅޭ ބައެއް ގަތަކުގެ ތެރެއަށް އުދައިގެ އަސަރުކޮށްފައިވޭ، އަދި ރަށުގެ މިރުސް ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވޭ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އުދައިގެ އަސަރު ލ ފޮނަދުއަށާއި ގަމަށްވެސް ކޮށްފައި ވެ އެވެ. އެގޮތުން ލ ފޮނަދޫ ބައެއް މަގުތަކުގައި ގޮނޑުދޮށާ 500 ފޫޓު ދުރަށް އުދަ އަރާފައިވާކަމަށް ކައުންސިލުން މައުލޫމާތު ދެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ އުދަ އާއި ގުޅިގެން އެއް ގެއެއްގެ ތެރެއަށް އުދައިގެ އަސަރު ކޮށްގެން ރިޕޯޓް ކޮށްފައިވާކަމަށާއި އަދި ބައެއް ގޯތިތަކަށް އުދައިގެ އަސަރުކޮށްގެން ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި ޕަބްލިކް ވޯކްސް އިން ރަށުގެ ބައެއް މަގުތަކުގައި ވެލި ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ޕަބްލިކް ވޯކްސް އަށް ޝުކުރު ދަންނަވާ ކަމުގައި ރިޔާޒް ވިދާޅުވި އެވެ.
އުދައިގެ އަސަރު ލ ގަމަށްވެސް ވަރަށް ބޮޑަށް ކޮށްފައި ވެ އެވެ. އެގޮތުން ބައެއް މަގުތަކުގައި ރަށުތެރެއަށް 500 ފޫޓަށް އުދައިގެ އަސަރުކޮށްފައި ވެ އެވެ. ނަމަވެސް ގަމު ކައުންސިލް ރައީސް ފޯނަށް ޖަވާބު ނުދެއްވާތީ ރަށު ކައުންސިލްގެ ބަހެއް މިކަމުގައި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް