ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުން މިއަދު 12:45 އަށް ލަސްވެއްޖެއެވެ. ކުރިން މި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 11:30 ގައެވެ. ނަމަވެސް މިހާ...

21 Jul 2019 | 05:11

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުން މިއަދު 12:45 އަށް ލަސްވެއްޖެއެވެ.

ކުރިން މި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 11:30 ގައެވެ. ނަމަވެސް މިހާރު ގަޑި ވަނީ 12:45 އަށް ލަސްކޮށްފައެވެ.

ޔާމީންގެ ޝަރީއަތް ޓީވީ މެދުވެރިކޮށް ލައިވް ކުރަން ނިންމާފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިފަދަ ޝަރީއަތެއް ލައިވް ކުރާ ފުރަތަމަ ފަހަރެވެ. ކްރިމިނަލް ކޯޓުން ބުނީ، މި މައްސަލަ އަކީ ދައުލަތުގެ ފައިސާ އާއި ގުޅުން ހުރި އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުން މި މައްސަލައާއި ގުޅިފައިވާ މައްސަލައެއް ކަމުން މިއަދުގެ ޝަރީއަތް ލައިވްކުރަން ނިންމާފައިވާ ކަމަށެވެ.

މި ދައުވާއަކީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށްފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް މި އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރެއް ކުރިއެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލުކޮށްފައެވެ.

ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވައިފައި ވަނީ އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް