ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އެ މަގާމުގައި ހުންނެވި މުހައްމަދު ޝާފިއީ އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން ހާމަކޮށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކަރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދީފައިވާ ސޮފްޓްވެއާގެ މަސްރޫއެއް މި ސަރުކާރުންވެސް ކުރިއަށްގެންދަން ނިންމާފައިވާތީ އެކަމުން ކަންބޮޑުވުން ފާޅުކުރިނަމަވެސް އެކަމަށް ސަރުކާރުން އަޅާލާފައިނުވާކަމަށެވެ.
ސަރުކާރުން ކޮރަޕްޝަނަށް ދޭ ޒީރޯ ޓޯލަރެންސަކީ އެއީތޯ ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވެފައިވަނީ އޭނާގެ ކަންބޮޑުވުންތަކަށް އެޑްރެސް ނުކުރާނަމަ މުސާރައެއް ހޯދުމުގެ ބޭނުމުގައި މަގާމެއްގައި ހުންނަން ބޭނުން ނުވާކަމަށެވެ.
ޝާފިއީ އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުންވެސް ކަށަވަރުކޮށްދެއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބު ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ޝާފިއީ އަކީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން މެލޭޝިޔާގެ އޭޕީޔޫ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝާފިއީ ކުރިން ވަނީ އުރީދޫ އާއި އެޗްޑީއެފްސީ އަދި ރައީސް އޮފީހުގެ މަގާމުތައްވެސް އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް