"ކަލޭ މޮޔަވީތަ..؟ " ނިމާލް ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ. ބޮލުގައި އަޅައިގެން އިން އަތުގެ އިނގިލިތައް ދޭތެރެއިން ލޭގަނޑުން ފޭދިގެން އަންނަތަން އަހަރެންނަށް ފެނުނެވެ. ނިމާލް އަހަރެންނާ ދިމާލަށް އަންނަން ތެދުވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހޭހުސްވެގެން އޭނާ ގޮނޑިއަށް ދެމިއްޖެއެވެ. އަހަރެންގެ މަސައްކަތް ފެށީމެވެ. ފުރަތަމަ ކަމަކަށް އަހަރެންނަށް ހެދިހެން ތަނެއް ގުޑާނުލެވޭނެހެން ނިމާލް ގޮނޑިއާލާ ބަނުމަށްފަހު އޭނާގެ އަނގަމަތީގައި ޑަކްޓް ޓޭޕް އެޅީމެވެ. މޭޒުމަތީގައި އޮތް ނިމާލްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ފަހުދެވެ. ނުނަގައިފިނަމަ ފަހުދްއަށް ޝައްކެތް ވެދާނެތީ ބިޒީކޮށްލުމަށްފަހު މެސެޖެއް ކުރަން އުޅުނީމެވެ. ފޯނު ހުޅުވާކަށް އުނދަގުލެއް ނުވިއެވެ. ފޯނުގައި އިން ފިންގަރ ސެންސަރގައި ނިމާލްގެ އިނގިލި ޖައްސާލުމާއެކު ފޯނު ހުޅުވިއްޖެއެވެ. ލަސްވާނެ ކަމަށް ބުނެ މެސެޖެއް ފޮނުވުމަށްފަހު ނިމާލްގެ ކޮމްޕިއުޓަރުން ހަމައެކަނި އަހަރެންގެ ކެބިން ފެންނާނެހެން ކެމެރާ އޮންކޮށްލީމެވެ. އެއަށްފަހު އަހަރެން ދިޔައީ އަހަރެންގެ ކެބިންއަށެވެ. މުޅިތަނަށް ޕެޓްރޯލް ބުރުއްސުމަށްފަހު އަހަރެން ގުޅީ ނައުރާއަށެވެ. މާގިނައިރުތަކެއް ނުވެ ނައުރާ ފޯނު ނަގައިފިއެވެ.
"ވަރަށް އަވަހަށް އޮފީހަށް އައިސްދީބާ.. ވަރަށް ބޮޑަށް ބަލިވާހެން ހީވަނީ.. ތެދުވާނެހާ ހިތްވަރެއްވެސް ނެތް.." ބަލި އަޑަކުން އަހަރެން ބުނީމެވެ. މިދަނީ އޭ ބުނުމަށްފަހު ނައުރާ ފޯނު ކަނޑައިލިއެވެ. މާގިނައިރުތަކެއް ނުވެ ނައުރާ އައިސް އަހަރެންގެ ކެބިންއަށް ވަނީ ދުވަމުން ކަހަލަ ގޮތަކަށެވެ.
*****************
ނައުރާގެ ނަޒަރުން...
އިޒާންއާ އިނދެގެން އަހަރެން ހޭދަކުރީ ވަރަށްވެސް އުފާވެރި ދުވަސްތަކެކެވެ. އަހަރެންގެ ހިތް ފުރިގެން ބަންޑުންވާވަރަށް އިޒާން އަހަރެންނަށް ލޯބިދެމުން ގެންދިޔައެވެ. ނަމަވެސް ބައެއް ފަހަރު އަހަރެންނަށް އިޒާންގެ މޫނުމަތިން މާޔޫސްކަމެއް ފެންނަހެން ހީވެއެވެ. އެކަމާ ގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން އިޒާންއާ ސުވާލުވެސް ކުރަން އުޅުނީމެވެ. އެހެނަސް ކޮންމެވެސް އެހެން ސަބަބެއް މެދުވެރިވެ އެވާހަކަ އަހަން ފުރުސަތު ނުލިބެނީއެވެ.
އިނދެގެން ހަމަސްވީތަނާ އަހަރެންނަށް ލިބުނީ އަންހެނެއްގެ ހަޔާތުގައި ލިބޭނެ އެންމެ އުފާވެރި ހަބަރެވެ. ބަނޑުބޮޑުކަން އެނގުމުން އަހަރެންނަށް ދެދުނިޔޭގެ އުފާ އެކުއެކީ ހާސިލްވި ކަހަލަ އިހުސާސެއް ކުރެވުނެވެ. ބަނޑުބޮޑުކަން އެނގުނު ހިނދުން ފެށިގެން އިންތިޒާރު ކުރެވެމުން ދިޔައީ އެތުއްތު ދަރިފުޅު އުފަންވާނެ އިރަކަށެވެ. އިޒާންވެސް ހުރީ އުފަލުންނެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ މޫނުމަތިން އެފެންނަ އުފާވެރިކަމަކީ ހަޤީޤަތެއް ކަމާމެދު އަހަރެންނަށް ޝައްކުވަނީއެވެ. ބަނޑުބޮޑުވުމުން އިޒާންގެ ފަރާތުން ލިބޭ ލޯބި އެތައް ގުނައަކަށް އިތުރުވާނެ ކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް ކަންވީ އެހެނެއްނޫނެވެ. އިޒާން އަހަރެންނަށް ދޭ ސަމާލުކަން ކުޑަވިއެވެ. އަހަރެންނަށް އަޅާލުމެއް ނުދެއެވެ. ބަނޑުބޮޑުވުމުން ބައެއް ފިރިހެނުންނަށް އެހެންވެދާނެކަމަށް އަހަރެން އަމިއްލަ ހިތަށް ވިސްނައިދިނީމެވެ. ހަޔާތުގައި ދިމާވި އެންމެ ބޮޑު އެއް ހިތްދަތިކަމާވެސް އަހަރެންނަށް ދިމާވީ ހަމަ އެދުވަސްކޮޅުއެވެ. ވަރަށް ފަނޑުކޮށް އައި އަންހެނެއްގެ ހަޅޭކުގެ އަޑު އަހަރެންނަށް އިވުނީ އެއްރޭ ދަންވަރު ނުނިދިފައި އޮއްވައެވެ. އިޒާންއަށް ގޮވަން ހިތަށް އަރާފައިވެސް އަޅާނުލީ އަހަރެންނަށް ހީވި ގޮތެއް ކަމަށް ބަލާފައެވެ. އެރޭގެ ބާކީ ބައިގައި އެއަޑެއް އިތުރަކަށް ނީވެއެވެ. އެހެން ރެއަކު އެއްރޭ ދަންވަރު ވަރަށް ބޮޑަށް އައިސްކްރީމް ކާހިތްވެގެން އަހަރެން ބަދިގެއަށް ދިޔައީ އިޒާންއަށް އުނދަގޫވެދާނެތީ ނުގޮވައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް އެފަނޑު ހަޅޭކުގެ އަޑު އައިސް އަހަރެންގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއްފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރުއެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. ބަދިގެއާ ގާތްވި ގާތްވިހެން އެއަޑުވެސް ގަދަވާހެން ހީވިއެވެ. އެހެނަސް އިވެނީ ވަރަށްވެސް ފަނޑުކޮށެވެ. ވަރަށް ކަނުލާ އަހައިގެން ނޫނީ އެއަޑެއް ނީވޭނެއެވެ. އަންހެނެއްގެ ވަރަށް ވޭނީ ހަޅޭކެއްގެ އަޑެވެ. އެއަޑު ކެނޑުނީ ކުއްލިއަކަށެވެ. ބަދިގޭގައި އިންނަން ނުކުރި އައިސްކްރީމް ތައްޓާއި ސަމްސަލެއް ހިފައިގެން އަހަރެން އުޅުނީ ކޮޓަރިއަށް ދާށެވެ. ކުއްލިއަކަށް އަހަރެން ސިހުނީ ބަދިގެއާ އިންވެގެން ހުރި ދޮރުން ނިކުތް އަހަރެންގެ ދޮންބެ ފެނިފައެވެ. އެތަނަކީ މަންމަ ދުނިޔޭގައި ޕެއިންޓިންގްއަށް މަންމަ ހާއްސަކޮށްފައި ހުންނަ ކޮޓަރިއެކެވެ. އެތަނުގައި ހުންނާނީ މަންމަ ކުރަހާފައި ހުރި ކުރެހުންތަކަކާ ކުރެހުމަށް ބޭނުން ކުރާ ހުރިހާ ތަކެއްޗެކެވެ.
"މި.. މި.. މަންމަ މަތިން ހަނދާން ވާތީ ވަދެލީ.. " ދޮންބެ އެހެން ބުނެލިއިރު އޭނާގެ މޫނުމަތިން ޖެހިލުންވުން ފެންނަން ހުއްޓެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ވަރުބަލިވެގެން މައިނޭވާ އަޅާހެންވެސް ހީވިއެވެ. އެކަމާ ހުރެ ދޮންބެ އެދެއްކި ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އިރުކޮޅެއްފަހުން އެތަނުން ނިކުތް ފަހުދް ފެނިފައެވެ. އޭނާވެސް ހުރީ ދޮންބެ އެހުރި ހާލަތުގައެވެ.
"ކުޑަ މަސައްކަތެއް ކޮށްލީ ތަނެއް ހަލާކުވެފަ ހުރީމަ.. ހިނގާ ދާން ފަހުދް..! " ފަހުދްގެ ކޮނޑަށް އަތްވައްޓާލައިގެން ދޮންބެ ދިޔައީ ގެއިން ނިކުންނާށެވެ. އެރޭގެ ފަހުން ކޮންމެ ރެއެއްގެ އެވަގުތު އަހަރެންނަށް އެއަޑު އިވެއެވެ. އަޑު ތަންކޮޅެއްވެސް ބާރުވާހެން ހީވަނީ ބަދިގެއާ ކައިރިވުމުންނެވެ. އޭގެ ފަހުން ހަތަރުވަނައަށް ވީ ރޭ އަހަރެންގެ ބަދިގޭގައި ހުއްޓާ ފެނުނީ އަނެއްކާވެސް ދޮންބެއާއި ފަހުދް އެތަނުން ނިކުތްތަނެވެ. ކުރިންވެސް ތިބިހެން ވަރުބަލިވެ ދާހިއްލާލާފައެވެ. ބަދިގެ އަނދިރިކޮށް އޮތުމުން ނަސީބަކުން އެމީހުންނަކަށް އަހަރެން ނުފެނެއެވެ. ހަޤީޤަތް ބަލަން އަހަރެން ބޭނުންވީ އެހިސާބުންނެވެ. އަހަރެންގެ ގޮސް އެކޮޓަރީގެ ތަޅު އަނބުރާލިއިރު ހުރީ ތަޅުލާފައެވެ. އަހަރެން އަތުގައި އޮންނަ ޑަބަލް ތަޅުދަނޑިން ހުޅުވައިގެން އަހަރެން އެތެރެއަށް ވަނީމެވެ. އަނދިރިކޮށް އޮތުމުން ސްވިޗްތައް ޖައްސާ ދިއްލާލީމެވެ. އަބަދުވެސް ހުންނަހެން އެތަން ހުރީ ވަރަށް ސާފުތާހިރު ކޮށެވެ. މަންމަގެ ކުރެހުންތަކަށް ނަޒަރު ހިންގަމުން ދަނިކޮށް އަންހެނެއްގެ ކުކުރުމުގެ އަޑު އަހަރެންގެ ކަންފަތުގައި އައިސްޖެހުނެވެ. މިފަހަރު ވަރަށް ކައިރިންނެވެ. އަހަރެން ތަންތަން ހޯދަން ފެށީމެވެ. ނަމަވެސް އެއްވެސް ތާކުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އިރުއިރުކޮޅުން ދިޔައީ އެކުކުރުމުގެ އަޑުއިވެމުންނެވެ. އެންމެ ފަހުން އަހަރެން ނިންމީ ޝައިތާނީ ކަމެއް ކަމުގައެވެ. އަވަސް އަވަހަށް އެތަނުން ނިކުންނަން އުޅެނިކޮށް ކުއްލިއަކަށް ކަމެއް ހަނދާންވިއެވެ. މަންމަގެ ކުރީގެ ޕެއިންޓިންގތައް ސްޓޯރ ކުރަން ހަދާފައި ހުރި ތަނެކެވެ. ކޮޓަރީގެ މެދުގައި އަޅާފައި އޮތް ރަގް އަހަރެން އުފުލާލީމެވެ. ދަށުގައި އަޅާފައިވާ ފިލާގަނޑު އެއްފަރާތައް ކަހާލުމާއެކު ތިރިއަށް ދާން ސިޑިއެއް ފެނުނެވެ. އަހަރެން މަޑުމަޑުން އެސިޑިން ތިރިއަށް ދާން ފެށީމެވެ. ތަނަށްވީ އަނދިރިކަން ވެރިވެފައެވެ. ނަމަވެސް ވަރަށް ސާފުކޮށް އަހަރެންނަށް އަންހެނެއްގެ ކުކުރުމުގެ އަޑު އިވެމުންދިޔައެވެ. ހިތްއަވަސްވެފައިވާ ހާލު އަހަރެން ވަރަށް މަސައްކަތްކޮށްގެން އެތަނުގެ ލައިޓް ދިއްލާލީމެވެ. އެހިނދު އަހަރެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އެނދުގައި އޮތީ ހަތަރެސްފައި ބަނދެފައި އޮތް އަންހެނެކެވެ. ކުކުރަމުން ދިޔަ ގޮތުން އޭނާ އެއޮތީ ވަރަށް ވޭނުގައިކަން އިހުސާސްވެއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އޭނާގެ ބޮޑުވެފައިވާ ބަނޑު ފެނުމުންނެވެ. މޫނުމައްޗަށް ބައެއް އިސްތަށިތައް އެޅިފައި އޮތުމުން އެއީ ކާކުކަން އެނގޭގޮތެއް ނުވިއެވެ. އޭނާ ކައިރިއަށް ގުދުވެލަމުން އަހަރެން އޯގާތެރިކަމާއެކު އިސްތަށިތައް މޫނުމަތިން އެއްފަރާތްކޮށް ދިނީމެވެ. އެއާއެކު އަހަރެންނަށް ލިބުނީ ޝޮކެކެވެ. އެއީ ޒޭބާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ޒޭބާއަކީ އަހަރެން ކިތަންމެ ރުޅި އަންނަމީހަކަށް ވިޔަސް އަންހެނަކަށްވީތީ އޭނާ އޮތް ހާލަތުން އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ.
"ޒޭބާ..! ޒޭބާ ކިހިނެއް މިތާ... ކިހިނެއްވެފަ... ކިހިނެއް؟؟ " އަހަރެންނަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ.
"އަހަ.. އަހަރެން ސަލާމަތްކޮށްދީ ނައުރާ.. އާދޭސް މިކުރަނީ.. އެހެންނޫނީ ނިމާލް އަހަރެން މަރާލާނެ.. އެމީހުން އެތައް ފަހަރެއްމަތިން އަހަރެންގެ އިއްފަތްތެރިކަން ނަގާލައިފި.. އަހަރެންނަށް އެތައް އަނިޔާއެއް ދީފި. އެކި ރޭ އެކިމީހުން.. އެކި ކަހަލަ އަނިޔާ.. ވަރަށް ވޭންދެނިވި އަނިޔާތަކެއް.. ދެން ކެތެއްނުވާނެ.. އާދޭސްކޮށްފަ މިބުނަނީ ހެޔޮނުވާނެ ނައުރާ.. އަހަރެން އިޒ.. އިޒާން ބޭނުމެއްނޫން.. އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅަށްޓަކާ އަހަރެން މިތަނުން ދޫކޮށްލާ ޕްލީޒް...!! އޭރުން ދެން ދުވަހަކުވެސް އަހަރެން އެނބުރި އިޒާންގެ ހަޔާތަކަށް ނާންނާނަން.." ބަލި އަޑަކުން ޒޭބާ ކިޔަމުން ދިޔައެވެ. އަހަރެންނަށް އަނގަމަތީގައި އަތް އަޅައިލެވުނު ހިނދު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބާގަތެވެ. ޒޭބާއަށް އެހާލު ޖެއްސީ ހަމަ އަސްލަށްވެސް އަހަރެންގެ ދޮންބެކަން ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް އަހަރެންނަށް ފެންނަ މަންޒަރުތަކަކީ ޒޭބާ އެދައްކަނީ ތެދުވާހަކައެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ. އެންމެ ހިނދުކޮޅަކުވެސް ޒޭބާ އެތާ ބާއްވަން އަހަރެންގެ ހިތް ނުރުހުނެވެ. ޒޭބާ ކައިރީގައި ހިތްވަރުކުރަން ބުނަމުން އޭނާގެ އަތާއި ފައިގައި އައްސާފައިވާ ވާތައް ނެއްޓީމެވެ. އެއަށްފަހު އަތުލަފިކޮށްގެން އޭނާ އެތަނުން ނެރެ ގެންދިޔައީ އަހަރެންގެ ބައްޕަގެ ކޮޓަރިއަށެވެ. ދޮންބެއަށް ކެމެރާ ފުޓެޖްތައް ފެނިދާނެތީ އެފުޓެޖްތައް ޑިލީޓް ކުރީ އަހަރެންނެވެ.
ވަގުތުން އަހަރެންގެ ޑޮކްޓަރަށް ގުޅައިގެން ޒޭބާ ގެންދިޔައީ އެގެއަށެވެ. ޑޮކްޓަރު އަހަރެންނަށް ލަފާ ދިނީ ފުލުހުންނަށް މައްސަލަ ހުށައެޅުމަށެވެ. ކުއްލިއަކަށް ޒޭބާ ފިޓް ޖެހެން ފެށީ އަހަރެން ފުލުހުންނަށް ގުޅަން އުޅެނިކޮށެވެ. އަހަރެންނާއި ޑޮކްޓަރާވެގެން ޒޭބާގެ ގެންދިޔައީ ޑޮކްޓަރުގެ ކްލިނިކަށެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ޒޭބާ ވެއްދުމުން އެތަނުން ގޮނޑިއެއްގައި އިށީނދެގެން ޑޮކްޓަރުގެ އިންތިޒާރުގައި އަހަރެން އިނީމެވެ. އެތައް އިރެއްގެ ފަރުވާއަށް ފަހު ޑޮކްޓަރ ނިކުތެވެ.
"މާބޮޑަށް ލޭގެ ޕްރެޝަރ ހައި ވީމަ ވީގޮތެއް.. އެހާ އަނިޔާއަށް ފަހުވެސް ދަރިފުޅަށް އެއްވެސް ގެއްލުމެއްނުވީތީ ﷲއަށް ހަމްދު ހުރި.. އިހަށް ރަނގަޅުވާނީ ޒޭބާ ނިންދަވާފައި ބޭއްވުން.. ބޭބީ ރަނގަޅަށް ޒޭބާ އަދި އެހާ ރަނގަޅެއް ނޫން.. " ޑޮކްޓަރު ބުންޏެވެ.
"އަހަރެންގެ ދޮންބެއަކަސް އޭނާއަށް އަދަބު ހައްޤު.. ޒޭބާގެ ހާލަތު ރަނގަޅުވެ އޭނާއަށް ބަޔާން ދެވޭ ވަރުވަންދެން އިހަށް މިތަނުގަ ބާއްވާ.. އެދުވަހަކުން ފުލުހުންނަށް ގުޅާނީ ހުދު އަހަރެން.. ދުވަހަކުވެސް އަހަރެންނަށް ކަމެއްކޮށްދެންޏާ މިކަން ސިއްރެއް ގޮތުގައި ބާއްވައިދީ.. އަދި ޒޭބާ ރަނގަޅަށް ބަލަހައްޓައިދީ.. އޭނާގެ ހުރިހާ ހަރަދެއް އަހަރެން ބަލަހައްޓާނަން.. " އަހަރެން ބުނީމެވެ.
ދޮންބެ ދެކެ އަހަރެން ފޫހިވާން ފެށިއެވެ. އެތައް ފަހަރަކުގޮސް ހަޅޭއްލަވައިގަންނަން ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން ކެތްތެރިވީމެވެ. އެއްވެސް ހާލެއްގައި ޒޭބާ ހުރީ އަހަރެންގެ ބެލުމުގެ ދަށުގައިކަން ދޮންބެއަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން އެންމެ ލޯބިވާ ދޮންބެގެ ހަޤީޤީ ސިފަ އެނގުމުން އަހަރެން ވަރަށް ހިތްދަތިވިއެވެ. އެހިތްދަތިކަމުގައި އަހަރެން މާބޮޑަށް ބަލިވާން ފެށިއެވެ. އަނެއްކޮޅުން އިޒާންގެ ވެސް އެއްވެސް އަޅާލުމެއް އަހަރެން ނުލިބެއެވެ. އަބަދުހެން އުޅެނީ ގެއިން ބޭރުގައެވެ. ބައެއްފަހަރު އެހީ އަކަށް އެދުމުންވެސް އިޒާންގެ ފަރާތުން ލިބެނީ ހިތްދަތިވާ ކަހަލަ ޖަވާބެވެ.
އަހަރެން އިޒާން ކައިރީގައި ޒޭބާގެ ވާހަކަ ބުނަން ގަސްދުކުރީމެވެ. ނަމަވެސް ފަސްޖެހުނެވެ. ޒޭބާގެ ހާލާ މެދު އިޒާން ހަމްދަރުދީވެ އޭނާ ކައިރިއަށް އެނބުރި ގޮސް ދާނޭ ހީވެ ކަންބޮޑުވިއެވެ. ނަމަވެސް ޒޭބާގެ ކަންކަން ބެލެހެއްޓުމާއި ދޮންބެއަށް ހައްޤު އަދަބު ދިނުމަށް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާތީ އަހަރެން އިޒާން ކައިރީގައި އެވާހަކަ ބުނަން ނީންމީމެވެ. އެދުވަހު ޑޮކްޓަރަށް ދައްކަން ދާންވެގެން ނިކުތްތަނުން އިޒާން ފެނުނެވެ. ސިޑީން ފައިބަމުން ވާހަކައެއް ބުނަން ބޭނުންވާ ކަމުގައި ބުނީމެވެ. ނަމަވެސް ފައިކައްސާލާ އަހަރެން ސިޑިން ވެއްޓުނީއެވެ. ދެން ހޭވެރިކަން ވިއިރު އޮތީ ހޮސްޕިޓަލުގައެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް