"އަދި މަޑުކޮށްލަބަ.. އަހަރެން ވަރަށް ބަނޑުހައި.. ހިނގާބަލަ ކާން ދާން.. " އަހަރެން ބުނީމެވެ. ރެސްޓޯރެންޓު ހުންނަނީ ބާރ ހުންނަ ފަޅި ނޫން އަނެއް ފަޅީގައެވެ. އެތަނުގައި ތިބޭއިރު ބާރ އަށް ވަދެ ނިކުންނަ މީހުން ފެންނާނެއެވެ. އަހަރެމެން ދެމީހުން ރެސްޓޯރެންޓަށް ވަންނަން ދަނިކޮށް ކުރިމަތިން ހުރަސްކޮށްފައި ބާރ އާ ދިމާލަށް ދިޔަ ޒުހުދާ ފެނުނެވެ. އަހަރެން ބުނި ގަޑިއަށްވުރެ ކުރިން ދާތީ ރޭވުން ކާމިޔާބު ނުވެދާނެތީ އަހަރެން ކަންބޮޑުވިއެވެ. އަނެއްކޮޅުން ނައުރާއަށް ފެނި ނިމާލްއަށް އިންޒާރުކުރުމުގެ ކުރިން ނައުރާގެ ސަމާލުކަން އަހަރެންނަށް ހުއްޓުވަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. ބާރ އަށް ވަންނަން ދިޔަ ޒުހުދާ އޭނާގެ ލޮލުގައި އަޅައިގަނެއްޖެއެވެ.
"އިޒާން..!! އިޒާން ޑިޑް ޔޫ ސީ.. އެހެރަ ފެންނަ ބާރއަށް ގޮސް އެވަނީ ޒުހޫއެއް ނޫންތަ؟ " އެދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ ނައުރާ ބުނެލިއެވެ.
"ކޮބާ..؟ ނޫން ނުދެކެން.. އެހެންނޫނަސް ޒުހުދާ ކީއްވެ މިތަނުގައި ހުންނަންވީ..؟ " ނައުރާ އަށް އޮޅުވާލަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.
"ނޫން ނުވާނެ އެހެނެއް.. އެއީ ހަމަ ޒުހޫ.. އަހަރެންނަށް ނޯޅޭނެ.. އެކަމަކު ކީއްކުރަންބާ އެތަނަށް އެވަނީ.. ހިނގާބަލަ ބަލާލަން.." ނައުރާ އަހަރެންގެ އަތުގައި ހިފަމުން ބުންޏެވެ. އަހަރެން އަނެއް އަތުން ނައުރާގެ އަތުގައި ހިފާ މަޑުކުރުވީމެވެ.
"ތީ ނައުރާއަށް ހީވާ ގޮތޭ.. ހީވޭތަ ޒުހުދާ ގޮސް އެކަހަލަ ތަނަކަށް ވަދެދާނެހެން....؟ އަހަރެން އަވަސް އަވަހަށް ބުނީމެވެ. ނަމަވެސް ނައުރާ އެއަޑެއް ނޭހިއެވެ. އެންމެ ފަހުން އަހަރެންނަށް މަޖުބޫރުވި ނައުރާއާއެކު އެތަނަށް ވަންނާށެވެ.
މުޅިން އަލަށް ވަދެވުނު ތަނެއްކަމުން އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. މީހުންތައް ތޮއްޖެހިފައި އޮތެވެ. އަހަރެން ހީކުރީ އެތަނުގައި ތިބޭނީ އެހެން ޤައުމުތަކުގެ ގެސްޓުން ކަމަށެވެ. ނަމަވެސް އެމީހުންނަށްވުރެ ދިވެހިން އެންމެ ތަންކޮޅެއްވެސް މަދެއް ނޫނެވެ. ގަޔަށް ބޮލަށް އަރާ ނަށަމުން ދިޔައިރު ކައިރީގައިވާ އެއްވެސް ކަމެއް އެމީހުންނަށް އިހުސާސް ނުވާ ކަހަލައެވެ. ބައެއް މީހުންގެ ރަނގަޅަށް ފައިވެސް ހަރުނުލައެވެ. އެކިވައްތަރުގެ ބޮކިތައް ދިއްލެމުން ދިޔަނަމަވެސް މީހުންގެ މޫނުތައް ވަކިވާހާ ސާފެވެ. މިއުޒިކުގެ އަޑުން ވަނީ މުޅިތަން ގުގުމާލާފައެވެ.
"ކޮބާ އަހަރެން ބުނީމެއްނު.. އެހެރީ ޒުހޫ..؟ " ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިފައި ހުއްޓާ އަހަރެން ސިއްސުވާލީ ނައުރާގެ ބާރު އަޑުންނެވެ. އަހަރެން އެދިމާލަށް ބަލައިލީމެވެ. ޒުހުދާގެ ނަޒަރު ހުއްޓިފައިވާ ތަނަށް ބަލައިލީމެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ނައުރާ ޒުހުދާ ހުއްޓުވުމުގެ ކުރިން އަހަރެންގެ ރޭވުން ކާމިޔާބުވުމުންނެވެ. ނިވާކަން ކުޑަ ހެދުމެއްގައި ތިބި ދެއަންހެންކުދިންނާއެކު ނަށަމުން ދިޔަ ނިމާލްއަށް ތަންދޮރުވެސް ނޭނގޭ ކަހަލައެވެ. ޖައްސަމުން ދިޔަ ހަޑިހުތުރު ވައްތަރުތަކުން އަހަރެންވެސް ލަދުގަތެވެ. ނިމާލް ހުރީ މުޅިން ހަމައިން ނައްޓާފައެވެ. ދެން ފެނުނީ ޒުހުދާ ރޮމުން އެތަނުން ނިކުމެގެން ދިޔަތަނެވެ. އެހިނދު ނައުރާވެސް ޒުހުދާގެ ފަހަތުން ގޮއްސިއެވެ. އަހަރެންނަށް ދަތްކުޑިވިކައިލެވުނެވެ. އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޒުހުދާގެ ބޮލަށް އެރެންކަން އަހަރެންނަށް އެނގެއެވެ. އެހެންވެ އަހަރެންވެސް އަވަސް އަވަހަށް ނިކުމެ ނައުރާ ހުއްޓުވީމެވެ.
"މިވަގުތު ނައުރާ އޭނަ ކައިރިއަށް ދިއުން ރަނގަޅެއް ނުވާނެ.... " އަހަރެން ބުނީމެވެ.
"އެކަމަކު އިޒާން..! ޒުހޫ އެދިޔައީ ވަރަށް ދެރަވެގެން.. އަހަރެން ހިޔެއްވެސް ނުކުރަން ދޮންބެ... " ނައުރާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. މޫނުމަތިން ފެނުނީ ލަދުވެތިކަމެވެ. ނައުރާގެ ދެއްކުންތެރިކަމުގައި ހުރި މޮޅުކަމުން އަހަރެން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. ބަހަނާތަކެއް ދެއްކުމަށްފަހު އަހަރެން ނައުރާ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހުވެސް ނައުރާ ޒުހުދާއާ ބައްދަލުކުރަން ދާން އުޅުނެވެ. އެހެންކަމުން އަހަރެންނަށް ޖެހުނީ ނައުރާ އެތަނުން ނިކުތަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާށެވެ. ބޭނުންވިހެން އަހަރެންގެ ފޮނި ވާޙަކަތަކުގެ މަޅީގައި ޖެހިއްޖެއެވެ. ބޭނުންނުވިޔަސް މުޅި ރޭ އަހަރެން ހޭދަ ކުރަން ޖެހުނީ ނައުރާ އުފާކޮށްދިނުމުގައެވެ.
އެނބުރި މާލެ ގޮސް ނިމާލް ބަރުބާދުވާތަން ދެކެން އަހަރެން ހުރީ ކެތްމަދުވެފައެވެ. ޒުހުދާ އާއި ނިމާލްގެ ކޯޅުން ދެކެން އަހަރެން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް ނައުރާގެ އުނދަގުލާ ހެދި އެތަނުގައި އިތުރު ތިން ދުވަސް މަޑުކުރަން ޖެހުނެވެ. ތިން ދުވަހަށްފަހު އެނބުރި މާލެ އައީ ފޮނި އުއްމީދުތަކަކާއެކުގައެވެ. ނިމާލްގެ ހަޔާތުން ޒުހުދާ ވަކިކުރުމަށްފަހު ދެން އޮތީ އެންމެ ފަހު މަރުހަލާއެވެ. އެއީ އަބަދުގެ އަބަދަށް ނައުރާ ނިމާލްއާ ވަކިކުރުމެވެ. އެކަމަށްޓަކައި ކޮންމެފަދަ ފިޔަވަޅެއް ނަގަން ޖެހުނަސް އަހަރެން ހުރީ ތައްޔާރަށެވެ.
ގެއަށް އައިސް ވަނުމާއެކު އަހަރެންނަށް ލިބުނީ ޝޮކެކެވެ. ނިމާލްގެ އުނގުމަތީގައި ޒުހުދާ އިންއިރު އޭނާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ނިމާލް އިނެވެ. ދެމީހުންގެ ތުންފަތްމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ހީކުރި ގޮތަށް ކަންތައް ނުވުމުން އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ހުރިހާ ކަމެއް ލޮލަށް ފެނި އެނގުމަށްފަހުވެސް ޒުހުދާ ނިމާލްއާ ދުރަށް ނުދިޔައީ ކީއްވެބާއޭ ހިތަށް އެރިއެވެ. ނޫނީ ޒުހުދާ ކުރިންވެސް ނިމާލްއާ އެކު އުޅެމުން ދިޔައީ އޭނާގެ ހަޤީޤަތް އެނގުހުރެއެވެ. އަނެއްކާ ޒުހުދާވެސް އެއީ އެމީހުންގެ ރޭވުމުގައި ހިއްސާވާ މީހަކީހެއްޔޭ ހިތަށް އެރިއެވެ.
"ހެލޯ ދެކުދިން.. ހައު ވޯޒް ދަ ޓްރިޕް.. " ނިމާލް އެހިއެވެ.
"އެއީ ތެދެއް..؟ ދިޔައިރު އަންގާވެސ ނުލަމެއްނު.. " ޒުހުދާވެސް އިންތަނުން ތެދުވަމުން ބުންޏެވެ.
"ޒުހޫ ރަނގަޅުތަ؟ " އެހެން އަހައިލިއިރު ނައުރާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
"އަހަރެންނަށް ކިހިނެއްވާނީ...؟ ހެހެހެ... " ޒުހުދާ ހިނިތުންވެލަމުން ބުންޏެވެ.
"އެކަމު އެރޭ ރިސޯޓުގަ.. " ނައުރާ ބުނަން އުޅުނެވެ.
"ތިދެމީހުންވެސް އެރިސޯޓަށް ދާން އުޅޭ ވާހަކަ ބުނިނަމަ އެކުގައި ދެވުނީހެއްނު.. ދޮންބެއަށް އެނގޭ މިހާރު ނައުރާ މުޅިން ދޮންބެ ދުރުކޮށްލައިފިކަން.. އެހެންވެކަން ނުބުނީ... " ނިމާލްވެސް އިންތަމުން ތެދުވެގެން އައިސް ނައުރާ ކައިރިއަށް ހުއްޓުނެވެ. އަހަރެންނަށްވެސް ބަލައިލަމުން ނިމާލް ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުންވުމުގައި ވި މަލާމާތް ސިއްރެއް ނުވިއެވެ. ވެގެން ދިޔަ ކަންތަކުގައި ވީ އަހަރެންގެ އަތެއްކަން ނިމާލްއަށް އެނގޭކަން އަހަރެންނަށް އެނގުނެވެ.
"ހިނގާ ދާން އިޒާން.. " ނިމާލްއަށް ޖަވާބެއް ނުދީ ނައުރާ އައިސް އަހަރެންގެ އަތުގައި ހިފަމުން ބުންޏެވެ.
"ނައުރާ ދޭ ކޮޓަރިއަށް.. އަހަރެން މިދަނީ ފޮށި ހިފައިގެން.. " އަހަރެން ބުނީމެވެ. ބޯޖަހައިލުމަށްފަހު ނައުރާ އެތަނުން ހިނގައިގަނެއްޖެއެވެ.
"އަދިވެސް ހުންނަނީތަ؟ ގޮސް ކޮފީއެއް ހިފައިގެން އާދޭ.. " ނިމާލް ނުރުހިފައި ޒުހުދާއާ ދިމާލަށް ބުންޏެވެ. އެހިނދު ޒުހުދާގެ މޫނުމަތިން ޖެހިލުންވުން އަހަރެން ދުށީމެވެ. އެހިނދު އަވަސް އަވަހަށް ޒުހުދާ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަހަރެން ހައިރާންވީ ނިމާލް ޒުހުދާއާ އެމޭރުމުން ވާހަކަ ދެއްކުމުންނެވެ. ކުރިން ދުވަހަކުވެސް ޒުހުދާއާ ނިމާލް އެގޮތަށް ވާހަކަ ދައްކަނިކޮށް އަހަރެން އަޑެއް ނާހަމެވެ. ޒުހުދާ ލޯމައްޗަށް ގެއްލުމާއެކު ނިމާލް އަހަރެން ކައިރިއަށް އައިސް ހުއްޓުނެވެ. އޭނާ ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ.
"ކަލެއަށްވުރެ އެއްފިޔަވަޅު ކުރީގައި އަހަރެން އަބަދުވެސް ހުންނާނީ.. ވަރަށް އަވަހަށް ކަލޭގެ ވަގުތު ހަމަވާނެ.. އަހަރެންގެ ކޮއްކޮ ވަރަށް ދެރަވާނެ.. ރޯނެ.. އެކަމަކު އަހަރެން އޭނައަށް ވިސްނައިދޭނަން.. އަހަރެން ކަން ކަން ކުރާނީ އޭނަ ކަލޭއަށް ނަފްރަތު ކުރާ ގޮތަށް.. އެކަމަކު ކަލެއަށް ގޮތެއް ހެދުމުގެ ކުރިން އެބަޖެހޭ ކަލޭގެ މައިންބަފައިންނާ މެދު ވިސްނަން.. އުހުނ ނޫން.. ކަލޭ މަރުވީމަ އެމީހުން ހިތްދަތިވެގެންވެސް މަރުވާނެ.. " ނިމާލް ބުނެލިއެވެ. އޭނާގެ ބަސްތަކަށް އަހަރެން ކުޑަވެސް ބިރެއް ނުގަނެއެވެ. އަހަރެންގެ ބިރު ކެނޑުނުތާ ކިތަންމެ ދުވަހެކެވެ. އައީ ރުޅިއެވެ. އަހަރެންގެ ރޭވުން ކާމިޔާބުނުވެ ނިމާލްއަށް މޮޅު ލިބުނީމައެވެ. އަހަރެންގެ މައިންބަފައިންނާ ބެހޭގޮތުން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުންނެވެ. ބަހެއް ނުބުނެ ފޮށި ހިފައިގެން އަހަރެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
މަރާލަފާނެތީ އަހަރެން ބިރެއް ނުގަނެއެވެ. އަހަރެން އެކަމަށް މުޅިން ތައްޔާރެވެ. ނަމަވެސް މަރުވުމުގެ ކުރިން ނިމާލްގެ ބަރުބާދީ ދެކެން ބޭނުމެވެ. ނިމާލްގެ ލޮލުން ލޭކަރުނަ އޮހޭތަން ދެކެން ބޭނުމެވެ. އަހަރެންގެ ލޮލުން ކަރުނަ އޮހުނު ހެންނެވެ. ލޯބިވާ މީހަކު ވަކިވެދާއިރު އެގަންނަ ބިރު ނިމާލްގެ މޫނުމަތިން ދެކެން ބޭނުންވެއެވެ. އަހަރެންނަށް ކުރެވުނީ ވަގުތު ވަރަށް ކުޑަވެފައިވާ ކަހަލަ އިހުސާސެކެވެ. އެހެންވެސް އެންމެ ފަހުގެ މަރުހަލާއަށް ލަސްނުކޮށް ދިއުމަށް ނިންމީމެވެ. އެކަމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އަހަރެން ހުރީ ތައްޔާރަށެވެ.
**********
ކޮޓަރިއަށް ވަންއިރު ނައުރާ ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ. އަހަރެން ވަރަށް ފުންނަޒަރަކުން ނައުރާއަށް ބަލައިލިމެވެ. ވިސްނަމުން ދިޔައީ އަހަރެންގެ ރޭވުމަށް ނިމުން ގެންނާނެ ގޮތަކާމެދުގައެވެ. އެކަމާ ވިސްނަމުން ދިޔަ ވަރަކަށް އަހަރެންގެ ލޮލުން ނައުރާއަށް ބެލެމުން ދިޔައީ މަސްގަނޑަށް ދަހިވެތިވެފައިވާ ބުޅަލެއް ފަދައިންނެވެ. އަހަރެންގެ ދެލޮލުގައިވީ ބަދަލު ހިފުމުގެ ރޫހެވެ. ރުޅިއާއި ނަފްރަތެވެ. އެހެން ހުއްޓާ ނައުރާ އަހަރެންނަށް ގޮވާލައިފިއެވެ.
"އިޒާން!! ކީއްވެ ތިތާ ތިހުރީ.. އަހަރެންވެސް ވިސްނަމުން މިދާ ކަންތަކާ ދޯ ތިވިސްނަނީ..؟ " ނައުރާ އެހިއެވެ. ބަހެއް ނުކިޔާ އަހަރެން އައިސް އެނދުގައި އިށީނީމެވެ. އަހަރެންގެ ސިކުނޑި ހިޞާރުކޮށްފައިވީ މުޅިން އެހެންކަމަކުންނެވެ. އެހެން އިންދާ އަނެއްކާވެސް ނައުރާ ވާހަކަ ދައްކަން ފަށައިފިއެވެ.
"ޒުހޫ ހުރީ ވަރަށް ހަމަޖެހިފަ.. އަހަރެން ހީކުރީ ދެމީހުން ވަރި ފަށައް އަރާފައި ކަމަށް މިހާރު ހުންނާނީ.. އެކަމަކު ހިޔެއްނުވޭ ދޯ ކަމެއްވީހެންވެސް.. އަހަރެންނަމަ ޔަގީން ކެތެއް ނުކުރެވޭނެކަން އެކަހަލަ މަންޒަރެއް ފެނިފައި.. އަޅެ ދަންތަ ޒުހޫއާ ވާހަކަ ދައްކާލަން.. " އަހަރެން ކައިރީ އިށީންނަމުން ނައުރާ ބުންޏެވެ. އަހަރެންގެ ކޮނޑުގައި ނައުރާ އަތް އަޅާލުމާއެކު އަހަރެންނަށް އެއަތް ފޮޅުވައިލެވުނެވެ. އިންތަނުން ތެދުވެވުނީ ކުއްލިއަކަށެވެ. ނިމާލް ދެކެ އައިސްފައިވާ ރުޅި އޭރުވެސް މަތަވާގޮތެއް ނުވެއެވެ.
"އިޒާން..!! ކިހިނެއްވީ..؟؟ " ހައިރާންވެފައި ނައުރާ އެހިއެވެ.
"މިވަގުތު އަހަރެން މިހުރީ އެއްވެސް މީހަކާ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫން.. ލީވް މީ އަލޯން.. " މިހެން ބުނެ އަހަރެން ވަނީ ފާހާނާއަށެވެ.
************
ވަރަށް ވިސްނުމަށްފަހު އަހަރެންގެ ރޭވުމަށް އަމަލީ ސިފައެއް ގެންނަން ނިންމީމެވެ. ނައުރާއާއެކު ކުޅެމުން އައި ކުޅިގަނޑު ދެން އިތުރަށް ކުޅޭނެހާ ހިތްވަރެއް އަހަރެންގެ ނެތުނީއެވެ. އެކަމަކު އޭގެ ކުރިން މާބޮޑުކަމެއް ކުރުމަށް އަހަރެން ދިޔައީ ތައްޔާރުވަމުންނެވެ. އުނދަގޫ ކަމަކަށްވިޔަސް ނިމާލް އަހަރެންގެ ހައްޔަރަށް ގެނައުން މުހިންމެވެ. އަހަރެންގެ ބަދަލު ފުރިހަމަ ވާނީ އޭރުންނެވެ.
ވަރަށް ވިސްނުމަށްފަހު އޮފީސް ނިމޭ ގަޑިއަށް އަހަރެން އޮފީހަށް ދިޔައީމެވެ. އަހަރެންގެ ބަދަލަށް އަމަލީ ސިފަ ގެންނާނެ ތަނަކީ އެއީއެވެ. އަހަރެންގެ ކެބިންއަށް ވަނުމަށްފަހު މޭޒުގައި ދޮށުގައި އިށީނދެ އިންތިޒާރު ކުރަމުން ދިޔައީ ހުރިހާ މުވައްޒަފުން ގެއަށް ދާނެ އިރަކަށެވެ. އަހަރެންގެ ކުރިމަތީގައި ހުރި ސްކްރީނުން އޮފީސް ތެރޭގައިވާ ހުރިހާ ކަމެއް ފެންނަމުން ދިޔައެވެ. ނިމާލްވެސް ވަރަށް ބުރަކޮށް އޭނާގެ މޭޒުކައިރީގައި އުޅެއެވެ. އަބަދުވެސް އެންމެ ފަހުން ގެއަށް ދާ މީހަކީ ނިމާލްކަން އަހަރެންނަށް އެނގެއެވެ. އެހެން އިންދާ މީހަކު އައިސް އަހަރެންގެ ކެބިންގައި ޓަކި ޖަހައިފިއެވެ. ޑެލިވަރީ ބޯއި އެކެވެ. އަހަރެން އޯޑަރު ކުރި އެއްޗެހި ގެނައީކަން އަހަރެންނަށް އެނގުނެވެ. ފޮށިގަނޑު އަގު ދިނުމަށްފަހު އެމީހާ ފޮނުވާލީމެވެ.
އޮފީހުގެ ހުރިހާ މުވައްޒަފުން ހުސްވެ ތަނުގައި ތިބީ އަހަރެންނާ ނިމާލް އެކަނިކަން އެނގުމުން އަހަރެން އެތަނުން ނިކުތީމެވެ. އެއަށްފަހު އޮފީހުގެ ހުރިހާ ސެކިއުރިޓީ ކެމެރާއެއް އޮފްކޮށްލީމެވެ. ދެން އަހަރެން މިސްރާބުޖެހީ ނިމާލްގެ ކެބިންއާ ދިމާލަށެވެ. ނިމާލްގެ ކެބިންގެ ދޮރު ހުޅުވައިލީ ހުއްދަ ހޯދުމަކާވެސް ނުލައެވެ.
"ވަޓް ދަ... މަގާމު މަތިވީމަ ހީކުރީތަ އަހަރެންނަށްވުރެވެސް މަތީ މަގާމެއް ލިބިފައޭ.. ހަމަ މިހާރު ނިކުމޭ މިތަނުން.. " ނިމާލް ރުޅި އައިސްފައި ބުންޏެވެ. އަހަރެން އެއަޑެއް ނާހަމެވެ. ސިކުނޑީގައި ބުރުޖަހަމުން ދިޔައީ އަހަރެންގެ ޒޭބާއާއި ޖިނާންގެ ރަހުމްކުޑަކޮށް މަރާލި ގޮތެވެ. މޭޒުމަތީގައި ހުރި ވާސްނެގުމަށްފަހު އޭގައި ހުރި މާތައް އުކާލީމެވެ. ނިމާލް ދެބުމަ ގޮށްޖަހައިލިތަން އަހަރެން ދުށީމެވެ. އޭނާއަށް ވިސްނަން ވަގުތު ނުދީ އަހަރެން ގައިގާ ހުރިހާ ބާރެއް ލާފައި އެވާސްއިން އޭނާގެ ބޯމަތީގައި ޖަހައިފީމެވެ. މަރުވިޔަސް ހެޔޮކަމަށެވެ. ނިމާލްގެ އަނގައިން ނިކުތް ވޭނީ ހަޅޭކުގެ އަޑާއެކު އަހަރެންގެ ހިތަށް ލިބުނީ މީގެ ކުރިން ނުލިބޭ ފަދަ ހިތްހަމަޖެހުމެކެވެ.
"ކަލޭ މޮޔަވީތަ..؟ " ނިމާލް ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ. ބޮލުގައި އަޅައިގެން އިން އަތުގެ އިނގިލިތައް ދޭތެރެއިން ލޭގަނޑުން ފޭދިގެން އަންނަތަން އަހަރެންނަށް ފެނުނެވެ. ނިމާލް އަހަރެންނާ ދިމާލަށް އަންނަން ތެދުވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހޭހުސްވެގެން އޭނާ ގޮނޑިއަށް ދެމިއްޖެއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް