ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް 25 ސްކޫލެއްގައި ފަށަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހޮވާލެވުނު ސްކޫލްތަކެއްގައި ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސްކޫލްތަކުގައި ނާސްތާ ފޯރުކޮށްދިނުމަށް 10 މެނޫއެއް ހިމަނާފައިވާ ކަމަށެވެ. ހެނދުގެ ނާސްތާގެ ގޮތުގައި ދޭނެ ކާއެއްޗެހީގެ މެނޫ ތައްޔާރުކޮށްފައިވަނީ ޔުނިސެފުގެ އެހީއާއި އެކު އެވެ.
ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ނާސްތާ ދޭން ފެށުމުގެ ކުރިން ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމުގެ ފޯމެއް ފުރުވާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ދަރިވަރަކު ބައިވެރި ކުރަން ބެލެނިވެރިއަކު ބޭނުން ނުވާނަމަ ބައިވެރި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"ނާސްތާ ދިނުމުގައި ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް ސްކޫލު ފެންވަރުގައި އެޅުމަށް ބަޔާންކޮށްފައިވާނެ. އޭގެ ތެރޭގައި ދަރިވަރުންނަށް ލިބޭ ކާބޯތަކެތީގެ ތާޒާކަން ސްކޫލު ފަރާތުން ބެލުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަން ސްކޫލު ފަރާތުން ބެލުމަށް އިރުޝާދު ދެވިފައިވާނެ. ކާބޯތަކެތީގެ ތާޒާކަމާއި އެތަކެތި ތައްޔާރުކުރާ ތަނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާފުތާހިރުކަމަށް ވެސް ހާއްސަ އިރުޝާދުތަކެއް ހިމަނާފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ 25 ސްކޫލްގައި މި ޕްރޮގްރާމް ފެށި ނަމަވެސް މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ 212 ސްކޫލްގައި މި ޕްރޮގްރާމް ފެށޭނެ ކަމަށެވެ.
އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ޕައިލެޓް ޕްރޮގްރާމް ފަށާ 25 ސްކޫލްގައި ކޭޓަރިން ހިދުމަތް ދޭނެ ފަރާތްތައް ހޯދަން މިއަދު އިއުލާނު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހިދުމަތަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާހުރި އެ ސްކޫލެއް ހުންނަ ރަށެއްގައި ހިދުމަތްދޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ނާސްތާގައި 10 މެނޫއެއް ހިމެނިފައި ވިއަސް ކޮންމެ ދުވަހަކު ތައްޔާރު ކުރާނީ ތިން މެނޫއެއް ކަމަށެވެ. އޭގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ޕްރޮގްރާމްގެ ޕައިލެޓް ޕްރޮގްރާމް ފެށުމަށް ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރު ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ.
މެނޫގައި ހިމެނޭ ތަކެތި:
މެނޫ 1: ރޮށި، ބިސްގަނޑު ކިރު
މެނޫ 2: ރޮށި، ފަތު މަސްހުރި، ކިރު
.މެނޫ 3: ރޮށި، ތަރުކާރީ މަސްހުނި، ކިރު
މެނޫ 4: ރޮށި، ބަރަބޯ މަސްހުނި، ކިރު
މެނޫ 5: ރޮށި، ބަށި މަސްހުނި، ކިރު
މެނޫ 6: ބޭކަޑް ބީންސް، ރޯލް، ކިރު
މެނޫ 7: ބިސް، ސޭންޑްވިޗް، ކިރު
މެނޫ 8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު
މެނޫ 9: ޗީޒް ސޭންޑްވިޗް، ކިރު
މެނޫ 10: ޕާން، ޕީނަޓް ބަޓާ، ކިރު
ހެނދުނުގެ ނާސްތާ ފުރަތަމަ ފަށާ 25 ސްކޫލް:
ޝަހީދު އަލިތަކުރުފާނު ސްކޫލް، ހއ. ތަކަންދޫ
ނޭކުރެންދޫ ސްކޫލް، ހދ. ނޭކުރެންދޫ
މިލަންދޫ ސްކޫލް، ށ. މިލަންދޫ
މާފަރު ސްކޫލް، ނ. މާފަރު
ރަސްމާދޫ ސްކޫލް، ރ. ރަސްމާދޫ
ބ އަތޮޅު އެޑިއުކޭޝަން ސެންޓަރު، ބ. އޭދަފުށި
ޅ އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ކ އަތޮޅު އެޑިއުކޭޝަން ސެންޓަރު، ކ. ތުލުސްދޫ
ވ އަތޮޅު މަަދަރުސާ، ވ. ފުލިދޫ
މާޅޮހު ސްކޫލް، އއ. މާޅޮސް
އދ އަތޮޅު މަދަރުސާ، އދ. މާމިގިލި
ދ އަތޮޅު މަދަރުސާ، ދ. މީދޫ
ފ އަތޮޅު ތައުލީމީ މަރުކަޒު، ފ. ނިލަންދޫ
ނާލާފުށީ ސްކޫލް، މ. ނާލާފުށި
ބުރުނީ ސްކޫލް، ތ. ބުރުނީ
ލ އަތޮޅު މަދަރުސާ، ލ. މާބައިދޫ
ދާންދޫ ސްކޫލް، ގއ. ދާންދޫ
ގދ އަތޮޅު ތައުލީމީ މަރުކަޒު، ގދ. ތިނަދޫ
ޏ އަތޮޅު ތައުލީމީ މަރުކަޒު، ފުވައްމުލަކު ސިޓީ
ޝަރަފުއްދީން ސްކޫލް، އައްޑޫ ސިޓީ (ހިތަދޫ)
އަމީނިއްޔާ ސްކޫލް، މާލޭ ސިޓީ
އިސްކަންދަރު ސްކޫލް، މާލޭ ސިޓީ
މަޖީދިއްޔާ ސްކޫލް، މާލޭ ސިޓީ
މުހީއްދީން ސްކޫލް، މާލޭ ސިޓީ (ވިލިމާލެ)
ހުރަވީ ސްކޫލް، މާލޭ ސިޓީ (ހުޅުމާލެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް