ކެއްސާ ކިނބިހި އަޅާއިރު ހީސް ތިކި ޖެހޭތަ ؟

ކިނބިހި އަޅާއިރު، ކެއްސާއިރު، ގަދައަށް ހޭއިރު އަދި ކަސްރަތު ކުރާއިރު ހީސް ތިކި ޖެހުމަކީ ބައެއް ކަނބަލުންގެ މެދުގައި އާންމު ކަމެކެވެ. ނަމަވެސް މި ވާހަކަ ދައްކާ ކަނބަލުން މަދުވެދާނެއެވެ. ސަބަބަކަށް ވެފަ...

20 Dec 2018 | 06:45

ކިނބިހި އަޅާއިރު، ކެއްސާއިރު، ގަދައަށް ހޭއިރު އަދި ކަސްރަތު ކުރާއިރު ހީސް ތިކި ޖެހުމަކީ ބައެއް ކަނބަލުންގެ މެދުގައި އާންމު ކަމެކެވެ. ނަމަވެސް މި ވާހަކަ ދައްކާ ކަނބަލުން މަދުވެދާނެއެވެ. ސަބަބަކަށް ވެފައި އޮންނަނީ އެމީހަކަށް ހީވެފައި އޮންނަ "ކުށް" ހީވުން ކަމުގައި މެލޭޝިޔާގެ ގްލެނީގަލްސް ހޮސްޕިޓަލްގެ ގައިނަކޮލޮޖިސްޓް ޑރ. ކްރިސްޓޮފަރ ޗޮންގް ބުނެއެވެ.

އެ ޑަކުޓަރާއި އަދި ގައިނީ ދާއިރާގެ އެހެން ޑަކުޓަރުން ބުނާގޮތުގައި ކަނބަލުން ގިނަ ފަހަރު މިކަން ސިއްރު ކުރަނީ އަދި މާ ބޮޑުކަމަކަށް ނުހަދާ ތިބެނީ އެއީ ތިބާއަށް އެކަނި ވާކަމެއް ކަމުގައި ދެކެގެންނެވެ. ނުވަތަ އެއީ މައްސަލައެއްކަން ނޭނގޭތީއެވެ. ނުވަތަ އުމުރުން ދުވަސްވުމުން މިއީ ދިމާވެދާނެ ހާލަތެއް ކަމަށް ގަބޫލު ކުރެވޭތީއެވެ.

ނަމަވެސް މެޑިކަލް ބަހުންނަމަ މި ހާލަތަށް ކިޔާ ނަމަކީ "ސްޓްރެސް ޔޫރިނަރީ އިންކޮންޓިނޭންސް" އެވެ. މި ހާލަތު ހިއްސާކުރާ 200 މިލިޔަނަށްވުރެ ގިނަ އަންހެނުން ދުނިޔޭގައި އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޑަކުޓަރުން ވިދާޅުވާގޮތުގައި މި ހާލަތު މެދުވެރިވެދާނެ ކަންތައްތަކެއް ހުރެއެވެ. ވިހެއުމަށްފަހު، ބަނޑު ހަރުވުމަށްފަހު، މައްސަރު ކަންތައް ލަސްވުމަށްފަހު އަދި ފަލަވުމުންނާއި ބަރު ތަކެތި އުފުލުމުން މި ހާލަތު މެދުވެރިވެދާނެއެވެ.

މި ހާލަތު އާންމު ގޮތެއްގައި ދިމާވަނީ ކަނބަލުންނެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް ކަލުންނަށްވެއް މި ހާލަތު ދިމާވާކަމަށްވެއެވެ.

ދިރާސާތަކުން ދައްކާފައިވާގޮތުގައި މި ހާލަތު މެދުވެރިވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން މިކަމަށް ފަރުވާއެއް ނުހޯދައެވެ. އަދި މިކަމާ އަޅާނުލާ ދޫކޮށްލައެވެ. އަދި އުމުރުން 50 އިން މަތީގެ ކޮންމެ ތިން ކަނބަލަކުން އެއް ކަނބަލަކަށް މި ހާލަތު މެދުވެރިވެއެވެ.

ޑަކުޓަރުން ވިދާޅުވާގޮތުގައި މި ހާލަތުން ސަލާމަތްވުމަށް ގޭގައި ނުވަތަ އަމިއްލައަށް ކުރެވިދާނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ކެގަލް އެކްސަސައިޒް ކުރުން، ގިނައިން ފެން ބުއިމާއި ބަރުދަން ލުއި ކުރުން ހިމެނެއެވެ.

ގޭގައި ނުވަތަ އަމިއްލަ މަސައްކަތުން ހައްލު ނުލިބިއްޖެނަމަ އެންމެ ރަނގަޅުވާނީ ޑަކުޓަރެއްގެ ލަފާ ހޯދުމެވެ. ޑަކުޓަރުން ވިދާޅުވާގޮތުގައި މި ހާލަތަކީ ބަދަލު ކުރެވިދާނެ ހާލަތަކެވެ. އޭރަށް ކިނބިހި އަޅަން ނުކެރި، ބާރަށް ހޭން ނުކުރި ހުންނާކަށް އެއްވެސް ކަނބަލަކަށް ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް