އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް 280 ފަރާތަކުން ފޯމު ހުށަހަޅައިފި އެވެ.
އެމްޑީޕީން ބުނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ކުރިމަތިލުމަށް މީހުން ފޯމު ލާފައިވާ ކަމަށެވެ. ފ. ނިލަންދޫ ދާއިރާއަށް ވާދަ ކުރަން އެއްވެސް މީހަކު ފޯމް ހުށަހަޅާފައި ނުވާކަމަށް އެ ޕާޓީން ބުނެ އެވެ.
ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 259 ފިރިހެނުންނާއި 21 އަންހެނުން ނެވެ. އެންމެ ގިނަ މީހުން އެއް ދާއިރާއަކަށް ވާދަ ކުރުމަށް ފޯމު ހުށަހަޅާފައިވަނީ ވިލިމާލޭ ދާއިރާއަށެވެ. އެއީ ނުވަ މީހުންނެވެ.
މީގެ އިތުރުން އެންމެ މީހަކު ކުރިމަތިލާތީ ނުވަ ދާއިރާއެއްގެ ޕްރައިމަރީ ނޯންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. އެ ދާއިރާތަކަކީ ހޯރަފުށީ ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށީ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ.
މަޖިލީސް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ އޭޕްރިލް މަހުގެ ހަވަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް