ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ ސްރީލަންކާގެ މި މަސްބޯޓު ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާއަށް އިއްޔެ 13:12 ހާއިރު ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.
"މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އެސަރަހައްދަށް ގޮސްފައެވެ. އަދި ސްރީލަންކާގެ މި މަސްބޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހަވީރު 16:30 ހާއިރުއެވެ. މި ބޯޓް ބަލާ ފާސްކުރިއިރު، މި ބޯޓުގައި ސްރީލަންކާގެ ހަ މަސްވެރިން ތިއްބެއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ބޯޓު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރޭ 23:40 ގައި ޏ.ފުވައްމުލަކަށް ގެންގޮސް، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް