ކޮންމެ މީހަކީވެސް ސިއްހަތު ރަނގަޅުކޮށް ހުންނަން ބޭނުންވާ މީހެކެވެ. އެގޮތުން އަޅުގަނޑުމެންގެ މި މުޖުތައުއިންވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މީގެ އަހަރުތަކެއް ކުރިން ނުފެންނަ އެތައް މަންޒަރެއް މިހާރު ފެނެއެވެ. އެގޮތުން ގިނަ މީހުންނަނކީ މިހާރު ކަސްރަތު ކުރުމަށް ލޯބި ކުރާ ބައެކެވެ. އޭގެ ތެރެއިން ދުވާލުގެ އެއް ގަޑިއިރު ކަސްތަރަށް ހޭދަކުރާ މީހުން ގިނައެވެ. މީގެ ތެރޭގައި ދުވަންދާ މީހުންނާއި، ކޮންމެވެސް އެއް ވަގުތެއްގައި ހިނގަންދާ މީހުންނާއި، މޫދު ކަސްރަތު ކުރާ މީހުންގެ އިތުރުން ޖިމަށް ގޮސް ކަސްރަތުކުރާ މީހުން ހިމެނެއެވެ.
ރާއްޖޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ޓްރެންޑަކީ ޖިމަށް ގޮސް ކަސްރަތު ކުރުމެވެ. ނަމަވެސް ޖިމަށްދާން ފޫހިވާ މީހުންނަވެސް ހައްލެއް އެބައޮތެވެ.
ހުރިހާ ގޮތަކުންވެސް މީހާއަށް އެންމެ ފާއިދާ ހުރީ ބައިސްކަލް ދުއްވުން ކަމަށް ދިރާސާތަކުން ދައްކައެވެ. މިކަމުގެ މާހިރުން ބުނާ ގޮތުން ބައިސްކަލް ދުއްވުމަކީ ސިއްހަތު ރަނގަޅުކޮށް ހުރުމަށް އެންމެ ފަސޭހަ އެއް ގޮތެވެ. އެގޮތުން މީހާގެ ބަރުދަން ލުއި ކޮށްދިނުމުގެ އިތުރުން، ސްޓެރެސް، ޑިޕްރެޝަން، އަދި އެންޒައިޓީ ހުންނަ މީހުންނަށް ރަނގަޅު ފަރުވާއެއް ލިއްބައިދޭ ކަމެއް ކަމަށް ހިންދުސްތާންޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ޑރ.މޯހަންސް ޑައިބެޓިކްސް ސްޕެޝަލިޓީސް ސެންޓަރގެ މެނޭޖިން ޑިރެކްޓަރ އާރްއެމް ރަންޖަނާ ބުންޏެވެ.
ބައިސްކަލް ދުއްވުމުން ލިބޭ ފާއިދާތަކުގެ ތެރޭގައި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއި މީހާ އުފަލުގައި ހުރުމަށް މަގުފަހިކޮށްދޭނެއެވެ.
މީގެ އިތުރުން ހުޅުހުޅުގައި މައްސަލަ ޖެހިފައި ތިބޭ މީހުންނަށް އެންމެ ރަނގަޅީވެސް ބައިސްކަލް ދުއްވުމުން ލިބޭ ކަސްރަތެވެ. އޭގެ ތެރޭގައިވެސް ހާއްސަކޮށް ކަކުލު ހުޅުގައި މަސައްލަތައް ހުންނަ މީހުންނަށް ލިބޭ ފާއިދާ ބޮޑެވެ. މީގެ އިތުރުން ފައިގެ ފަލަ މަސްގަނޑަށާއި ފަޔަށް އެކި ގޮތްތުން ކަސްރަތު ލިބި ފައިގެ ބައްޓަން ރީތިކޮށް ހުންނާނެއެވެ.
ބައިސްކަލް ދުއްވަން ބޭނުންވާ ނަމަ ޑައިބެޓިކްސް (ހަކުރުބަލި) ހުންނަ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭނެއެވެ. އެގޮތުން ޑައިބެޓިކްސް ޓައިޕް އޭ (އިންސުއެލިން) ބޭނުން ކުރަންޖެހޭ މީހުން ބައިސްކަލް ދުއްވުމުގެ ކުރިން ރަނގަޅަށް ފެންބޯން ޖެހޭނެއެވެ. އަދި އެއްގަޑިއިރަށް ވުރެ ގިނައިރު ވަންދެން ބައިސްކަލް ދުއްވާ ނަމަ ހަކުރުބަލީގެ މީހުން ޑޮކްޓަރުގެ ލަފާ ހޯދަންވާނެ އެވެ.
ބައިސްކަލް ދުއްވުމުން ލޭގެ ހިނގުން ދައުރުވާ މިންވަރު އިތުރުވެ، ހިތާއި، މެއިގެ ހިނގުން ރަނގަޅުކޮށްދޭނެއެވެ.
ރާއްޖޭގައިވެސް ކަސްރަތުގެ ގޮތުގައި ބައިސްކަލް ދުއްވާ މީހުން ދަނީ އިތުރުވަމުންނެއެވެ. އެހެންކަމުން މިފަދަ ލިޔުމެއްގައި ބައިކް މޯލްޑިވްސްއިން ކުރިއަށްގެންދާ ހަރަކާތްތައް ފާހަގަކޮށްލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް