އަހަރެމެން ދިވެހިން އާންމު ދިރިއުޅުގައި އުޅޭ އިރު ބުރަކައްޓަށް ތަދުވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. މި ލިޔުމުގައި ބަލާލާނީ ބުރަކައްޓަށް ތަދުވަނީ ކީއްވެ ކަމާއި ބުރަކައްޓަށް ތަދުވުމުން ސަލާމަތްވެވިދާނެ ގޮތާއި އަދި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.
ބުރަކައްޓަށް ތަދުވާން ދިމާވާ ބައެއް ސަބަބުތައް !؟
1 - މާ ގިނައިރު ކޮޅަށް ހުރުން ނުވަތަ އެއްގޮތަކަށް ހުރުން
މީހެއްގެ އިންތިޒާރުގައި ނުވަތަ ކަމެއްގެ އިންތިޒާރުގައި މާ ގިނައިރު ކޮޅަށް ހުންނަން ޖެހިއްޖެ ނަމަ ބުރަކައްޓަށް ތަދުވުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ގެއިން އޮފީހަށް، އޮފީހުން ގެއަށް މިގޮތަށް، ކަސްރަތެއް ކުރުމެއްނެތި މާ ގިނައިން ހިނގާނަމަވެސް ބުރައްކައްޓަށް ތަދުވާގޮތް ވެ އެވެ.
ވަރުބަލިވެ ހަށިގަނޑުގެ ޕޯސްޗަރ ދޫކޮށްލާ ކަންނެތް ގޮތަކަށް އޮފީހުގެ ގޮނޑިއެއްގައި ނުވަތަ ތަނެއްގައި އިށީނދެ ނުވަތަ މާގިނައިރު ކޮޅަށް ހުންނަން ޖެހުމުންވެސް ބުރަކައްޓަށް ތަދުވާ ގޮތްވެ އެވެ. މިގޮތަށް ވުމުން ބުރަކަށީގެ ކަށިތައް ފިތޭގޮތްވެ ނާރުތަކުގައި ލޭ ދައުރުވުމަށް ހުރަސް އަޅަ އެވެ. އަދި އެހެންކަމުން މަސްތަކަށާއި ހުޅުތަކަށް ގެއްލުންވެ އެވެ.
2 – މާ ގިނައިން މޯބައިލްފޯނު ބޭނުންކުރުން
އިށީނދެ އިނަސް އަދި ކޮޅަށް ހުއްޓަސް މާ ގިނައިން ފޯނު ބޭނުން ކުރާނަމަ އެކަން ގިނަފަހަރަށް ކުރެވޭނީ ފޯނާއި ދިމާއަށް ބެލުމަށް އިސްދަށަށް ޖަހައިގެންނެވެ. އެގޮތަށް ހުންނައިރު ނުވަތަ އިންނައިރު ބޮލުގެ ބަރުދަން ބުރަވަނީ ބުރަކައްޓަށެވެ. އަދި މި ގޮތުގައ ގިނައިރުވާނަމަ ބުރަކަށީގެ ކަށިތަކަށް މިކަމުން ބާރުބޮޑުވެ އެވެ.
3 - އޮފީހުގައި މަސައްކަތުގެ މާހައުލުގައި ރަނގަޅު ޕޯސްޗަރ އެއް ނުގެންގުޅެވުން
އޮފީހުގެ މަސައްކަތުގައި އިށީންދެ އިންނަ މީހެއް ނަމަ ގޮނޑީގައި އިށީނދެ އިނުމަށް ރަނގަޅު ޕޯސްޗަރ އެއް ހިޔާރު ކުރުން މުހިންމެވެ. އެހެން ނޫންނަމަ ބުރައްކައްޓަށް ތަދުވާގޮތް މެދުވެރި ވެ އެވެ. އަދި މި ކަމުގައި ފަރުވާ ކުޑަކޮށްލެވޭނަމަ ބުރަކައްޓަށް ލިބޭ ގެއްލުން ބޮޑެވެ.
4 – ބަރު އެއްޗެއް އުފުލުން
މި ކަމަށް ހަދާފައިވާ ކުޑަ ދިރާސާއަކުން ދައްކާ ގޮތުގައި ބަރު އެއްޗެހި އުފުލާއިރު ގުދުވެވޭ ގޮތަކުން ނުވަތަ އެ އެއްޗެއް އުފުލަން އުޅެވޭ ގޮތަކުންވެސް ބުރަކައްޓަށް ތަދު އަރާގޮތް މެދުވެރި ވެ އެވެ. އަދި ބަރު އެއްޗެއް ނު އުފުލާ ގިނަ ދުވަސްތަކެއް ހުރުމަށްފަހު ބަރު އެއްޗެއް އުފުލުމުންވެސް ބުރަކައްޓަށް ތަދުވާގޮތްވެ އެވެ.
ބުރަކަށީގެ ރައްކާތެރި ކަމަށް ކުރެވޭނީ ކީއް !؟
ބުރަކަށީގެ ކަށިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ތިން ކަމެއް ކުރެވިދާނެ އެވެ.
އެއީ އެކަމަކަށް އެންމެ ރަނގަޅު ޕޯސްޗަރ އެއް ހިޔާރު ކުރުން، އަބަދު އެއްގޮތަކަށް ނީނދެ ނުވަތަ އަބަދު އެއްގޮތަކަށް ނުހުރެ ކުޑަކޮށް ހަރަކާތް ކޮށްލާ އިށީނދެ އިންނަ ގޮތް ނުވަތަ ކޮޅަށް ހުންނަ ގޮތަށް ބަދަލެއް ގެނައުން އަދި ކޮންމެވެސް ވަރަކަށް ކަސްރަތު ކޮށްލުމަކީ އާންމު ކަމަކަށް ހެދުމެވެ.
https://www.youtube.com/watch?v=AdIdTs8WbAU
ބުރަކައްޓަށް ތަދުވާނަމަ ކުރެވޭނީ ކީއް !؟
ތަދު ބޮޑު ނޫން ނަމަ ކަސްރަތު ކޮށްލުމުންނާއި ނިދާޅުމުން ބައެއް ފަހަރު ތަދު ފިލާ ދެ އެވެ. އަދި ހޫނު ފެނުން ފެންވަރާލުމުންވެސް ކުދި ތަދުތައް ފިލާދެ އެވެ. ނަމަވެސް ތަދު ދެމގެންދާނަމަ އޯތޯޕެޑިކް ޑޮކްޓަރަކަށް ދައްކާލަންވާނެ އެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ކުރިއަށްދިއުން ރަނގަޅުވާނެ އެވެ.
ރެފެރެންސް
4 Reasons to Stop Slouching, Men’s Fitness
http://www.mensfitness.com/training/pro-tips/4-reasonsstop-slouching
Health Promotion Board
https://www.healthhub.sg/live-healthy/1099/9-health-hazards-of-electronic-devices-for-kids
Office Chair, Posture, and Driving Ergonomics, Spine Health
https://www.spine-health.com/wellness/ergonomics/officechair-posture-and-driving-ergonomics
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް